ނަޝީދު އިސްވެ ހުންނަވާ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ

ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަދި މިނިސްޓަރު ފައްޔާޒު --

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރަކު މިއަދު "ހަތާވީސް އޮންލައިން" އަށް ވިދާޅުވީ ރައީސް ނަޝީދާ އެކު އެ މައްސަލާގައި ދެން އިސްކޮށް އުޅުއްވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް 20 މެންބަރަކު ސޮއި ކޮށްފައިވާ ކަމަށެވެ.

"މި މަސައްކަތް މި ދެ ބޭފުޅުން [އަލީ އާޒިމްއާ ރައީސް ނަޝީދު] ލޮބީ ކޮށްގެން ފެށީ. ދެ ހަފްތާއެއްވަރު ވެއްޖެ މި މަސައްކަތުގައި އުޅޭތާ،" މެންބަރު ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

މީގެކުރިން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާ އަދި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވެއްދުމުގެ މަސައްކަތް އަލީ އާޒިމް އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދެވި ކަމަށްވެއެވެ. ނަމަވެސް އޭނާ ވަނީ ފަހުން އެކަން ދޮގު ކުރައްވާފައެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން މަސައްކަތް ކުރާ ސީދާ ސަބަބެއް އަދި ނޭނގެއެވެ.

1 thought on “ނަޝީދު އިސްވެ ހުންނަވާ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ

  1. ވެގެންއުޅޭ ގޮތްވަރަށްވެސް ސާފު. މަޖްލިސް މެންބަރުންނަށް ނުގަވާއިދުން ޕްރޮޖެކްޓްތަކާ އެފަދަ ކަންކަން ނުކުރެވޭތީ އެކަމުގެ ޒާތީ ކަންތައްތައް އެބަހުރި. މަޖިލިހުގެ ރައީސް ސަރުކާރުގެ އެންމެ ނަތީޖާ ނެރޭ، ހިކުމަތްތެރި މިނިސްޓަރާއި ދިމާކޮށްލީ، ރައީސުލް ޖުމްހޫރިއްޔާ އާއި ދެކޮޅަށް ބަގާވާތެއްގެ ފެށުން.

Leave a Reply

Your email address will not be published. Required fields are marked *