ބޭރުގެ އެހީތައް ބޭނުންކުރާ ގޮތް ހާމަކުރުމަށް ގޮވާލާ ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަަކާ ގުޅިގެން ބޭރުން ލިބުނު އެހީ އާއި ލޯނުގެ ގޮތުގައި ނެގި ފައިސާގެ ތަފްސީލާއި އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަފްސީލު ދޭން ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި މި މައްސަލާގައި ރާއްޖެއަށް ލިބުނު ފައިސާ އާއި އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުތައް ހާމަކޮށްފައިވީ ނަމަވެސް އެ ފައިސާ ބޭނުން ކުރާ ގޮތުގެ އެއްވެސް ތަފްސީލެއް ހާމަ ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެތައް ގައުމަކުންނާއި ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވީ ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުނުވާ ކަމަށާއި ރައްޔިތުންގެ އިތުރަށް ނިކަމެތިވަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ ގާތުގައި ސަރުކާރުން ވެފައިވާ އެއްވެސް ވައުދެއް ނުފުއްދާކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުން އަންނަ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. ޝިޔާމް ވަނީ އެ މައްސަލާގައި މިހާތަނަށް ލިބުނު ފައިސާ ކަމަށް ސަރުކާރުން ބުނެފައިވާ އަދަދުތައް ހާމަކުރައްވާފައެވެ. އެގޮތުން މިހާތަނަށް 24.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުން ބިކަވެ، ވަޒީފާ ގެއްލި، ބިލުތައް ދެއްކޭނެ ގޮތެއް ނެތި، އާމްދަނީ ލިބޭނެ ގޮތެއް ނެތި، ވަރަށް ހާލުގައި ޖެހި ހަދާނެ ގޮތް ހުސްވެ ވަޒީފާތަކާއި ކުދިންގެ ކިޔެވުމާއި ދިރިއުޅުން ގުރުބާންކޮށް ރަށްރަށަށް ބަދަލުވަމުން ދާއިރު އެހީގެ ގޮތުގައި ލިބެމުންދާ ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެެސް ކުރިއެރުމެއް އަންނަމުން ނުދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންވެ އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަަފްސީލު ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އޭނާ ގޮވައިލެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *