ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ނައިފަރު ---

ޅ.ނައިފަރު މާލެ ދަތުރުކުރާ ބޯޓެއްގެ ބިދޭސީ ފަޅުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ނައިފަރު "މެގަ އާރު" ނަމަކަށް ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ މީގެ ދެ ދުވަސް ކުރިން ހެދި ޓެސްޓުގެ ނަތީޖާ އިން ކަމަށް މައުލޫމާތު ލިބެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނައިފަރު ކައުންސިލަށް ފޮނުވާފައިވާ ނޯޓިސްއެއްގައި ބުނެފައި ވަނީ ކޮވިޑް19 އާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންތައް ބެލުމަށް އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުގައި ތިބި އެއްވެސް މީހަކު ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކަމަށެވެ.

މީގެކުރިންވެސް ރަށްރަށުން މާލެއާ ދޭތެރޭ ދަތުރުކުރާ ބޯޓުތަކުގެ ފަޅުވެރިން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 5،000 ހުރަސްކޮށްފިއެވެ. އެގޮތުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 5،223އެވެ. މި ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ ޖުމްލަ އަދަދަކީ 2،354އެވެ. މިބަލީގައި މިއަދު މަރުވި މީހާއާ އެކު ޖުމްލަ 20 މީހެއް ވަނީ ބަލީގައި މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *