މުނައްވަރާއި ޖިހާދު ސާބިތު ކޮށްދެއްވީ އެނގުމާއި ނޭނގުމުގެ ތަފާތު: އަދުރޭ

އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގައި އަދުރޭ ވާހަކަދައްކަވަނީ، އަދުރޭ އަކީ މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ބޭފުޅާ: ފޮޓޯ / ހަތާވީސް

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ނާއިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ރައްޔިތުން މަޖިލީހުގައި ސާބިތު ކޮށްދެއްވީ އެނގުމާއި ނޭނގުމުގެ ތަފާތު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން މިއަދު މުޅި މަޖިލީހުގެ ކޮމެޓީ އަށް ޖިހާދާ މުނައްވަރު އަދި މިހާރުފެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ހާޒިރު ކުރައްވާފައެވެ.

މިއަދު ކޮމެޓީގައި ދެކެވުނު ވާހަކަތަކާއި ގުޅިގެން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިހާދާއި މުނައްވަރު މިއަދު މަޖިލީހުގެ ތަޅުމުގައި ސާބިތުކޮށް ދެއްވީ އެނގުމާ ނޭނގުމުގެ ހުރި ތަފާތު ކަމަށެވެ.

"ރައީސް ޔާމީނުގެ ސަރުކާރުން ކަން ކުރީ ކަން ކުރަން އެނގިގެން ކަން. އަދި އެމްޑީޕީ ސަރުކާރަށް ވާނުވާ ނޭނގޭ ކަން،" އަދުރޭގެ ޓްވީޓުގައި ވިދާޅުވިއެވެ.

މިއަދުގެ މުޅި މަޖިލިސް ކޮމެޓީގައި ޖިހާދާ އެންމެ ބޮޑަށް ކުރެއްވި އެއް ސުވާލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ލޯނު ނަގާފައިވާ މައްސަލާގައެވެ. އެކަމާ ގުޅިގެން ޖިހާދު ވިދާޅުވީ ޗައިނާގެ ލޯނުތަކުގެ ސަބަބުން ދިވެހި ދައުލަތަށް މާބޮޑު ބުރައެއް ނާންނާނެ ކަމަށެވެ.

ދަރަންޏާއި ގުޅޭ ގޮތުން ކުރީގެ މިނިސްޓަރު މުނައްވަރު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދަރަނި މެނޭޖް ކުރަން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި ދަރަނި ސާފު ނުވެ ނޯންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *