ހިޔާނާތުގެ މައްސަލައެއްގައި ދައުވާކުރަން ފޮނުވަން ތައްޔާރުވެއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / އަވަސް

ހިޔާނާތުގެ މައްސަލައެއްގައި ދައުވާ ކުރަން ފޮނުވަން ތައްޔާރުވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން އޭސީސީގެ މެންބަރު އިބްރާހީމް ޝަކީލު ވިދާޅުވީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގެ ތެރެއިން "ބޮޑު" މައްސަލައެއް ދައުވާ ކުރަން ފޮނުވަން ތައްޔާރުވެފައިވާ ކަމަށެވެ. ޓާގެޓަކީ މި ހަފްތާގެ ބުރާސްފަތި ދުވަހު އެ މައްސަލަ ދައުވާ ކުރަން ފޮނުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން ވެސް އެހެން މައްސަލައެއްގައި ދައުވާ ކުރަން ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއްވެސް މައްސަލައެއްގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެވެ. އެ މައްސަލަ ބަލަމުން އަންނަނީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕްރޮސިކިއުޓަރު ޖެނެރަލް ގުޅިގެންނެވެ.

ދާދިފަހުން އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވަނީ ހިޔާނާތުގެ މައްސަލާގައި ފަސް މީހަކަށް ދައުވާ ކުރަން ހަފްތާއެއްގެ ތެރޭގައި ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *