ނުއުފުލޭ ވަރުގެ ދަރަނީގެ ހާލަތު ގެނައީ ރައީސް ސޯލިހެއް ނޫން: އިލްހާމް

ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް ---

ނުއުފުލޭ ވަރުގެ ދަރަނީގެ ހާލަތު ރާއްޖެ އަށް ގެނައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އެތެރޭގެ ދަރަނިތަކާއި، ނުއުފުލޭ ވަރުގެ ބިޔަ ދަރަނިތައް ވަނީ ބޭރަށް ދައްކަން މަޖުބޫރު ކުރުވާފައި ކަމަށެވެ.

"އެހާލަތު ގެންނެވީ މިއަދުގެ ރައީސެއް ނޫން. އަނގަފުޅާކޮށްފަ ބުންޏަސް މިއީ ހަގީގަތް،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ މަޖިލީހަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މައްސަލައެއް ހުށަހަޅާފައެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މުޅި މަޖިލީހުގެ ކޮމެޓީއެއް ވަނީ ބާއްވާފައެވެ. އެ ކޮމެޓީއަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަދި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ހާޒިރު ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުވަތަ ސޮވަރިން ޑީފޯލްޓަކަށް ރާއްޖެ ނުދާނެ ކަމުގެ ޔަގީންކަން މިހާރުގެ މިނިސްޓަރު އަމީރު ވަނީ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *