މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އަމީން ހާޒިރު ކުރަނީ

ހެލްތް މިނިސްޓަރު އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ހާޒިރު ކުރަން ނިންމައިފިއެވެ.

މިނިސްޓަރު އަމީނު ހާޒިރު ކުރަނީ މަޖިލީހުގެ ދެ މެންބަރެއް މިނިސްޓަރާއި ސުވާލު ކުރަން ހުށަހަޅާފައި އޮތުމުންނެވެ. އެގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވެސް ވަނީ އަމީނާ ސުވާލުކުރުމަށް ހުށަހަޅާފައެވެ.

ރިޔާޒު ހުށަހަޅާފައި ވަނީ ޕީއެސްއައިޕީ ގައި ހިމަނާފައިވާ ތ. ވޭމަންޑޫގެ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށޭނީ ތާރީހަކާއި ގުޅޭގޮތުންނެވެ.

އަދި މެމްބަރު ނަސީރު ސުވާލު ކުރައްވަނީ މުލަކު ޞިއްޙީ މަރުކަޒުގައި މާބަނޑު އަންހެނުންގެ ވިންދު ބެލުމަށް ބޭނުންކުރާ ވަސީލަތް މައްސަލަޖެހިފައި ހުންނަތާ އެތަކެއް ދުވަސްތަކެއް ވެފައިވާތީ އެކަމަށް ހާއްސަކުރެވިފައިވާ ވަސީލަތް އެ ހެލްތު ސެންޓަރަށް ލިބޭނެ ތާރީހެއް އޮޅުންފިލުވުމާ ގުޅޭ ގޮތުންނެވެ.

މި ދެބޭފުޅުން ސުވާލުކޮށް ނިމުމުން މަޖިލީހުގެ ރިޔާސަތުން އެހެން މެންބަރުންނަށް ވެސް ސުވާލު ކުރުމަށް ފުރުސަތު އަރުވައެވެ.

މާދަމާގެ ޖަލްސާއަށް މިނިސްޓަރު އަމީނު ހާޒިރުކުރާއިރު ދާދިފަހުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ކުރީގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިން ދެއްކެވި ވާހަކަތަކާއި ގުޅިގެން ހެލްތު މިނިސްޓްރީން ބަޔާން ނެރުއްވުމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުން ކުރާ ކަންކަމަށް ވުޒާރާތަކުން ނުބެހުމަށް އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *