އަމީރަށް އިތުބާރު ކުރަން، މައްސަލައަކީ ދަރަނި ނުބެލެހެއްޓުން: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު --

ފިނޭންސް މިނިސްޓަރު އަމީރަށް އިތުބާރު ކުރައްވާ ކަމަށާއި ނަމަވެސް މައްސަލައަކީ ދަރަނި ނުބެލެހެއްޓޭ މައްސަލަ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަމީރަށް ދަރަނި ރަނގަޅަށް މެނޭޖު ކުރަން އެނގިވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ހާޒިރު ކުރައްވާފައެވެ. މުޅި މަޖިލީހުގެ ކޮމެޓީއެއް ބޭއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ދަރަނި ބެލެހެއްޓުމުގެ ކަންކަން ވަރަށް ރަނގަޅަށް ހިނގާ ކަމަށް ކުރީގެ ދެ ފިނޭންސް މިނިސްޓަރުންނާއި އަދި މިހާރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވަމުންދާ ކަމަށާއި ނަމަވެސް މިދިޔަ ހަފްތާގައި ޕްރައިވެޓް ސެކްޓަރަށް ދީފައި އޮތް ސޮވެރިން ގެރެންޓީއެއް ނުދެއްކިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ގެރެންޓީ ދީފައި އޮތް ފަރާތުން ރާއްޖެއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

"މިއީ ރާއްޖޭގައި މީގެކުރީގައި ދުވަހަކު ވެސް ހިނގާފައިވާނެ ކަމެއް ނޫން. އެ 10 މިލިއަން ޑޮލަރު އަޅުގަނޑު މިހާރު އަޑުއަހާފައި އޮތް ގޮތުގައި ސަރުކާރުން ބާރު އަޅައިގެން ދަރަނިވެރިވެފައި އޮތް ފަރާތަކަށް އަނެއްކާ ދަރަނި ނަގައިދިނީ ބޭންކް އޮފް މޯލްޑިވްސް އިން. ނަގާފައި އެ އެކައުންޓަށް ލާފައި ކުރީގެ ނައިބު ރައީސް މި ދަރަނި ފިއްލުވީ" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލައަކީ އެއްވެސް ހާލެއްގައި އެމަނިކުފާނު އަމީރަށް އިތުބާރު ނުކުރައްވާ މައްސަލައެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް މާލީ ވަޒީރަކީ (އަމީރު)، އެ ވިދާޅުވީ އަޅުގަނޑުގެ ޕާޓީގެ މެމްބަރެކޭ. އަދި އަޅުގަނޑުގެ އަމިއްލަ ހިޔަނި ކެބިނެޓްގެ ވެސް މެމްބަރެއް. އެ ބޭފުޅާ އަށް އިތުބާރު ކުރަމޭ، އެޔެއް ނޫނޭ ދިމާވެގެން މި އުޅޭ މައްސަލައަކީ،" ނަޝީދު ވިދާޅުވިއެވެ.

ދިމާވެގެން އުޅޭ މައްސަލައަކީ ދީފައި ހުރި ސޮވެރިން ގެރެންޓީތަކަށް ދީފައި ހުރި ފައިސާ ގެނެސް އެއްތަނަކަށް ޖަމާކޮށްފައި ނުބެހެއްޓުނީ ކިހިނެއްވެގެންތޯ ކަމަށާއި އޮޑިޓާ ޖެނެރަލް ހައްދަވަންޖެހޭ އެސެސްމެންޓުތައް ކޮބައިތޯ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *