ރާއްޖެ ނުދަރާނެ ކަމަށް ވިދާޅުވި ނަމަވެސް ނަޝީދު އެކަން ގަބޫލެއް ނުކުރެއްވި!

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުވަތަ ސޮވަރިން ޑީފޯލްޓަކަށް ރާއްޖެ ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަން ގަބޫލެއް ނުކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީއަށް މިނިސްޓަރު އަމީރުއާ ކުރީގެ މާލީ ދެ ވަޒީރުން ކަމަށްވާ އަހުމަދު މުނައްވަރު އަދި އަބްދުﷲ ޖިހާދު ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި، އެގޮތަަށް ކަންކަން އިންތިޒާމް ކުރަމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ މަޝްރޫޢު ބެލުމަށް އެސައިޓަށް ދިއުމަށް ނިންމާފައިވަނިކޮށް ކޯވިޑް-19އާއި ކުރިމަތިވުމުން އެކަން އަދިކުރެވިފައިނުވާކަމަށެވެ. ނަމަވެސް އޮޑިޓްކޮށް ކޮންމެ ކުއާޓާއެއްގައި މޮނީޓާކުރަމުން އަންނަކަމަށެވެ.

ނަޝީދު ވިދާޅުވީ ދަރަނި ބެލެހެއްޓުމުގެ ކަންކަން ވަރަށް ރަނގަޅަށް ހިނގާ ކަމަށް ކުރީގެ ދެ ފިނޭންސް މިނިސްޓަރުންނާއި އަދި މިހާރުގެ ފިނޭންސް މިނިސްޓަރު ވިދާޅުވަމުންދާ ކަމަށާއި ނަމަވެސް މިދިޔަ ހަފްތާގައި ޕްރައިވެޓް ސެކްޓަރަށް ދީފައި އޮތް ސޮވެރިން ގެރެންޓީއެއް ނުދެއްކިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ގެރެންޓީ ދީފައި އޮތް ފަރާތުން ރާއްޖެއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

"މިއީ ރާއްޖޭގައި މީގެކުރީގައި ދުވަހަކު ވެސް ހިނގާފައިވާނެ ކަމެއް ނޫން. އެ 10 މިލިއަން ޑޮލަރު އަޅުގަނޑު މިހާރު އަޑުއަހާފައި އޮތް ގޮތުގައި ސަރުކާރުން ބާރު އަޅައިގެން ދަރަނިވެރިވެފައި އޮތް ފަރާތަކަށް އަނެއްކާ ދަރަނި ނަގައިދިނީ ބޭންކް އޮފް މޯލްޑިވްސް އިން. ނަގާފައި އެ އެކައުންޓަށް ލާފައި ކުރީގެ ނައިބު ރައީސް މި ދަރަނި ފިއްލުވީ" ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ބައްދަލުވުމަށް ހާޒިރުވި މާލީ އިދާރާތަކުގެ މިހާރުގެ ވެރިންނާއި ކުރީގެ ވެރިން ދެއްކެވި ވާހަކަތަކުން އެމަނިކުފާނަށް ސާފުވެގެން ދިޔަ ކަމަކީ ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

"މިއަދުގެ ބައްދަލުވުމުން އަޅުގަނޑުމެންނަށް ޔަގީން ވެގެން ދިޔަ ކަމަކީ ޑެޓް މެނޭޖްމަންޓްގެ ކަންކަން ރަނގަޅަށް ބެލެހެއްޓެމުން ނުދާ ކަން. އަޅުގަނޑަކީ ކުރީގެ ރައީސެއް. އަދި އަޅުގަނޑަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް. އަޅުގަނޑަށް އެ ކަން ވަރަށް ސާފުކޮށް ފެނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *