ސޮވަރިން ޑީފޯލްޓަކަށް ރާއްޖެ ނުދާނެ: އަމީރު

ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުވަތަ ސޮވަރިން ޑީފޯލްޓަކަށް ރާއްޖެ ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީއަށް މިނިސްޓަރު އަމީރުއާ ކުރީގެ މާލީ ދެ ވަޒީރުން ކަމަށްވާ އަހުމަދު މުނައްވަރު އަދި އަބްދުﷲ ޖިހާދު ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.

"ޕްރައިވެޓް ސޮވެރިން ގެރެންޓީއެއް 2017 ޑިސެމްބަރު 14 ގައި މ.ދިގުރަށް އިރުފެން ރިސޯޓް ތަރައްޤީކުރުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ 127.5 މިލިއަން އެމެރިކާ ޑޮލަރަށް ދޫކޮށްފައިވާ ސޮވެރިން ގެރެންޓީގެ ދަށުން 21 ޖުލައި 2020 ހަމަވީއިރު ދަރަނި އަދާނުކުރުމުގެ ސަބަބުން 22 ޖުލައި 2020 ގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން ޗައިނާގެ އެގްޒިމް ބޭންކު ވަނީ ސަރުކާރަށް އަންގާފައި،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި، އެގޮތަަށް ކަންކަން އިންތިޒާމް ކުރަމުން އަންނަކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ މަޝްރޫޢު ބެލުމަށް އެސައިޓަށް ދިއުމަށް ނިންމާފައިވަނިކޮށް ކޯވިޑް-19އާއި ކުރިމަތިވުމުން އެކަން އަދިކުރެވިފައިނުވާކަމަށެވެ. ނަމަވެސް އޮޑިޓްކޮށް ކޮންމެ ކުއާޓާއެއްގައި މޮނީޓާކުރަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެން މިތަނުގައިތިބިއްޔާ ދައުލަތަށް ސޮވެރިން ޑީފޯލްޓަކަށް ދިޔަކަ ނުދޭނަން. އެކަން ނުވާނެ ގޮތަށް އިންތިޒާމް ކުރަމުން މިދަނީ."މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތުން ދިން ގެރެންޓީއެއްގެ ދަށުން ދޫކޮށްފައިވާ އެއްވެސް ލޯނެއް ފައިސާ ނުދެއްކި ދިގުލައިގެން ދާނަމަ، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާ ދައުލަތަށް ނަގައިގެން ވިޔަސް، އެ ލޯނު ދައްކާ ހަލާސްކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *