މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދައްޗެއް ނެތް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމުގައި އެއްވެސް ދައްޗެއް ދިމައެއް ނުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްވައިފިއެވެ.

އަމީރު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާތީ އެކަން ސާފުކުރުމަށް މިހާރު ކުރިއަށްގެންދާ މުޅި މަޖިލީހުގެ ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

"މިއަހަރު ތެރޭގައި ކެޝްފްލޯގައި، އަޅުގަނޑު ހަމަ ބަލާފައި މައިނިއުޓުކޮށް އަޅުގަނޑު އަމިއްލަ އަށް ބަލާފައި ނޫނިއްޔާ ކޭޝް ފްލޯ އެ ކޮމެޓީގައި ވެސް ކަންކަން ހަމަ ބަލާފައި އަޅުގަނޑުމެން ޔަގީން ކޮށްފައި ކަންކަން ކޮށްފައި އޮންނާނީ. އެހެންވީމަ އިއްޒަތްތެރި މެންބަރުންނަށް ޔަގީންކަން އަޅުގަނޑު ދެން މުސާރަ ނުދިނުމުގެ ކަމެއް ދިމައެއް ނުވާނެ ސޯޝަލް ސާވިސްގެ އެއްވެސް ކަމެއް ހުއްޓުމަކަށް ނާންނާނެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާރު އެވޯޑު ކޮށްފައި ހުރި އެއްވެސް މަޝްރޫއުއެއް ނުހުއްޓި ކުރިޔަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ރިޒާވް ދަށަށްދާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ހައްލު ކުރުމަށްވެސް 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ބޭރު ފައިސާ ވައްދައި ދެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށާއި ނަމަވެސް މިއަދު ފަތުރުވެރިކަމުގެ ދާއިރާ އޮތީ ހުއްޓިފައި ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް ދިމާވި އިގްތިސޯދީ ހާލަތަކީ އެއްވެސް މެންބަރަކަށް އޮޅިވަޑައިގަންނަވާނެ ހާލަތެއް ނޫން ކަމަށާއި މި ހާލަތަކީ ހަމައެކަނި ރާއްޖެއަކަށް ދިމާވި ހާލަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *