ޝަރީފް ނަޝީދަށް: ކުޑަކުދިން ސްކޫލުގައި ގެންގުޅޭހެން މަޖިލީހެއް ނުހިންގޭނެ

ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް --

ކުޑަކުދިން ސްކޫލުގައި ގެންގުޅޭހެން ރައްޔިތުންގެ މަޖިލިސް ނުހިންގޭނެ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރު ކުރައްވާފައެވެ. އަސްލަމް ދެއްވި ބައެއް ޖަވާބުތަކަކީ މަޖިލިސް ރައީސް ހިތްޕުޅާވި ޖަވާބުތަކަކަށް ނުވިއެވެ.

އެކަމާއި ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ނަމަވެސް ނަޝީދު ވަނީ ޝަރީފްގެ އެ ވާހަކަތައް ދެއްކުމުގެ ފުރުސަތު އޭނާއަށް ނުދެއްވާ އޭނާގެ މައިކުގެ އަޑު ކަނޑާލައްވާފައެވެ. އެހެންނަމަވެސް ޝަރީފް ވާހަކަދެއްކުން ހުއްޓާ ނުލައްވާ ކުރިޔަށް ގެންދެވިއެވެ.

ހިތްހަމަ ނުޖެހި ހުރެ ޝަރީފް ވަނީ މައްޗަންގޮޅި މެދު ދާއިރާއިން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓަށްވުރެ ގިނަ ވޯޓު މަރަދޫ ދާއިރާއިން ޝަރީފަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝަރީފް ވަނީ ކުޑަކުދިން ސުކޫލެއްގައި ގެންގުޅޭ ހެން "ފިލާ ދީގެން" މަޖިލިސް ނުހިންގޭނެ ކަަމށް ވިދާޅުވެފައެވެ.

ނަޝީދު ވަނީ މަޖިލީހުގެ ނިޒާމު ގެއްލޭފަދަ ކަމެއް ނުކުރަން ޝަރީފަށް ނަސޭހަތްތެރިވެފައެވެ. އަދި ފަހުން ނަޝީދު ވަނީ މަޖިލީހުގައި އެގޮތަށް ހަޑިކޮށް ނޫޅުއްވާނެ ކަމަށް 100 ފަހަރު ލިޔުއްވަން ޝަރީފަށް ދަންނަވާފައެވެ.

"މަރަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން 100 ފަހަރު ލިޔުއްވަން އެގޮތަށް ހުތުރުކޮށް، ހަޑިކޮށް ނޫޅުއްވުމަށް" ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *