ޕީޖީ ވިދާޅުވީ މާލީ ބަޔާން ހުށަނޭޅުއްވުނީ ބައެއް މައުލޫމާތު ނުލިބިގެން ކަމަށް

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ ---

މާލީ ބަޔާން ހުށަހެޅިފައިނުވަނީ ބައެއް މައުލޫމާތުތައް ނުލިބިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެސެޓް ޑިކެލަރޭޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ވަޒީރުން އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު، ކުރީގެ ބައެއް ވަޒީރުންނާއި މިހާރުގެ ބައެއް ވަޒީރުން މަގާމާއި ހަވާލުވި ފަހުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެގޮތުން މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން އެސެޓް ޑިކްލަރޭޝަން ޕީޖީ ޝަމީމް ހުށަހަޅުއްވާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. ޕީޖީ ޝަމީމް ހުށަނާޅުއްވަނީ މަގާމާއި ހަވާލުވުމާއެކު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމު މިއަދު ވިދާޅުވީ މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ނުލިބުމުގެ ސަބަބުން، މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކައާއި، އެމަޢުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާކަމަށާއި، ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ބަޔާން ޢާންމު ކުރައްވާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *