ދެ މިނިސްޓަރަކާއި ޕީޖީ ޝަމީމް މާލީ ބަޔާން ހުށަނާޅުއްވާ

އަމީން، އިމްރާން އަދި ޝަމީމް

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުރުން ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ކެބިނެޓު މިނިސްޓަރުން މާލީ ބަޔާން ހުށަހަޅުއްވަން ލާޒިމު ކުރަނީ ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުންނެވެ. މަގާމާ ހަވާލުވެވަޑައިގަންނަވާއިރު އަދި ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން އެ މާއްދާއިން ލާޒިމް ކުރެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެސެޓް ޑިކެލަރޭޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ވަޒީރުން އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާފައި ނުވާއިރު، ކުރީގެ ބައެއް ވަޒީރުންނާއި މިހާރުގެ ބައެއް ވަޒީރުން މަގާމާއި ހަވާލުވި ފަހުން މާލީ ބަޔާން ހުށަހަޅާފައި ނުވާ ކަމަށެވެ.

އެގޮތުން މިހާރު މަގާމުގައި ތިއްބެވި މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެއްވެސް އަހަރަކު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، މިދިޔަ އަހަރުގެ މާލީ ބަޔާން އަދި މިހާތަނަށް ހުށަހަޅުއްވާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ކެބިނެޓްގައި ކުރިން ހިމެނިވަޑައިގެންނެވި ދެ ވަޒީރަކު ވެސް އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް ބުނެފައިވެއެވެ. އެއީ މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފާއި، މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދެވެ. ކުރީގެ ހައުސިން މިނިސްޓަރ އާމިނަތު އާތިފާ ވެސް މިދިޔަ އަހަރުގެ މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ.

އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން އެސެޓް ޑިކްލަރޭޝަން ޕީޖީ ޝަމީމް ހުށަހަޅުއްވާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. ޕީޖީ ޝަމީމް ހުށަނާޅުއްވަނީ މަގާމާއި ހަވާލުވުމާއެކު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ.

Leave a Reply

Your email address will not be published. Required fields are marked *