މަނީލޯންޑާގެ ކުށުގައި ދައުލަތަށް ނަގާ މުދާ ވިއްކާލެވޭ ގޮތް ހަދައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ --

މަނީ ލޯންޑާ ކޮށްގެން ހޯދާ ކުށުގައި ދައުލަތަށް ނަގާ މުދާ ވިއްކާލެވޭނެ ގޮތަށް މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލާ އާއްމުކޮށްފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިއަދު ގެޒެޓު ކޮށްފައިވާ ގަވާއިދުގައި ބުނެގައި ދައުލަތަށް ނެގޭ މުދާ، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ވިއްކާލުމުގެ ނުވަތަ
ކުއްޔަށްދިނުމުގެ އިހުތިޔާރު، ކަމާބެހޭ އިދާރާއަށް ލިބިގެންވާ ކަމަށެވެ. ދައުލަތަށް ނެގޭ މުދާ ވިއްކާލަންވާނީ، އެ މުދަލަކަށް ކޮމްޕެޓިޓިވް ރަނގަޅު އަގެއް
ލިބޭނެ ގޮތަށް ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައި ވަނީ ދައުލަތަށް ނެގޭ މުދަލަކީ ހިއްސާ ހިމެނޭ ގޮތުން ސެކިއުރިޓީސް ކަމަށްވާ ނަމަ، އެކަށީގެންވާ އަގެއްގައި ވީއެންމެ އަވަހަކަށް އެ ސެކިއުރިޓީސް ވިއްކާލަންވާނެ ކަމަށެވެ. ދައުލަތަށް ނެގޭ ސެކިއުރިޓީސް ފިޔަވައި، އެއްލައްކަ ރުފިޔާއަށްވުރެ އަގު ބޮޑު މުދާ ވިއްކާލަން ވާނީ އާންމުކޮށް ހުޅުވައިލެވިފައިވާ ބީލަމެއްގައި ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މުދާ ވިއްކާލުމުގައި އެ މުދަލެއްގެ ރިޒާވް ޕްރައިޒް [ވިއްކާލާނެ އެންމެ ކުޑަ އަގު] ކަނޑައަޅައިފައި އޮންނަންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ދައުލަތަށް ނެގޭ ފައިސާއާއި ދައުލަތަށް ނެގޭ މުދަލުން ލިބޭ އާމްދަނީ ޖަމާކުރުމަށް ކަމާބެހޭ އިދާރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އެކައުންޓެއް ހުޅުވަންވާނެ ކަމަށާއި އެ އެކައުންޓުގައިވާ ފައިސާ ނެގޭނީ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ފައިސާ ހުރީ ބޭންކް އެކައުންޓެއްގައި ކަމަށް ވާނަމަ ކަމާބެހޭ އިދާރާއިން ކޯޓު އަމުރު ނެރެ، އެ އެކައުންޓެއް އޮތް ބޭންކަކަށް ހުށަހެޅުމުން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދު އެ އެކައުންޓުން އުނިކޮށް އެ ބޭންކަކުން އެފައިސާ ޖަމާކުރަންވާނެ ކަމަށްވެސް އެމްއެމްއޭ އިން އެކުލަވާލި ގަވާއިދުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *