އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި

އާ ސީ ޕްލޭން ޓާމިނަލް: -- ފޮޓޯ: އެމްއޭސީއެލް

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން، ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އިއުލާންކޮށްފި އެވެ.

އާ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، މެނޭޖިން ޑިރެކްޓަރެއް ނުވަތަ ސީއީއޯއެއް ހަމަނުޖައްސާ އޮތް ހަމައެކަނި ސަރުކާރުގެ ބޮޑު ކުންފުންޏަކީ އެމްއޭސީއެލް އެވެ. އެތަން ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.

ބޭރުގެ ބައެއް ނޫސްތަކާއި އެމްއޭސީއެލްގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާންގައި ވާ ގޮތުން ސީއީއޯގެ މަގާމަށް ހުށައަޅާ މީހެއްގެ ތަޖުރިބާ ވެސް ވަރަށް ބޮޑުވާން ޖެހެ އެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަދުވެގެން 15 އަހަރު ހޭދަކޮށްފައިވުމަކީ އެއް ޝަރުތެވެ.

އެ މުއްދަތުގައި ސީނިއަ މެނޭޖްމެންޓް ލެވެލްގައި 10 އަހަރު، އަދި "ސީ-ސޫޓް ލެވެލް" ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެ އެވެ. ސީ-ސޫޓް ލެވެލް އަކީ ޗީފް އެގްޒެކެޓިވް އޮފިސަރު، ޗީފް ފައިނޭންސް އޮފިސަރު ފަދަ، ކުރިއަށް ޗީފް އަންނަ މަގާމުތަކެވެ.

ތައުލީމީ ގޮތުން ޝަރުތެއް ކަމަށް ކަނޑައަޅާފައި ވަނީ އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމެވެ.

ސީއީއޯ ނަގަނީ ފުރަތަމަ ތިން އަހަރުގެ މުއްދަތަށެވެ. އެކަމަކު އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު ލިބެ އެވެ.

އެމްއޭސީއެލްގެ ސީއީއޯގެ ބައެއް ޝަރުތުތައް

- ތަފާތު ގިނަ މަޝްރޫއުތައް އަލަށް އެކުލަވައިލާ ހިންގުމުގެ ގާބިލުކަމާއި އިސްނެގުން

- ނިންމުންތައް ނިންމުމާއި މަޝްވަރާކުރުމުގައި ހަރުދަނާވުން

- ކުންފުންޏެއްގެ މެނޭޖްމަންޓް ބަދަލުކުރުމުގެ ގާބިލުކަން (ބޮޑު ކުންފުންޏެއްގެ މެނޭޖްމަންޓް ބަދަލުކުރުމުގައި ބައިވެރިވެފައި ވުން.)

- ކުންފުނީގެ ތަސައްވުރު ކަނޑައަޅައި، ސްޓްރެޓެޖީތައް އެކުލަވާލައި އަމާޒުތައި ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން.

- ކަންތައްތަކުގެ ތެރެއަށް ވަދެ އެކަށޭނަ ގޮތެއްގައި އެކަންކަމާ ކުރިމަތިލާ، އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ގާބިލުކަން

- މީހުން ތަރައްގީކޮށް ބިނާކުރުމުގެ ހުނަރު

- ސަރުކާރުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތައް އަދި މުޖުމައާ އެއްފަހަރާ މުއާމަލާތްކުރުމުގެ ގާބިލުކަން.

މީގެ ކުރިން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު ނަންގަވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.

ގާތްގަނޑަކަށް 3،200 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އަދި އަހަރަކު 1 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ފައިދާއެއް ނެރޭ އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން މި އުޅެނީ، ކުންފުނީގެ ބޯޑުން މި ފަހުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކާ މެދު، އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުންނާއި އާންމުންގެ މެދުގައި ހިތްހަމަނުޖެހުން ބޮޑުވެފައި އޮތް ދުވަސްވަރެއްގަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދޭން ކުރި މަސައްކަތަށެވެ. މިހާރު ރާއްޖެއިން ބޭރުގެ ދެ ކުންފުންޏެއްގެ މައިގަނޑު ހިއްސާ އޮންނަ ޓީއެމްއޭއަށް އާ ސީޕްލޭންގެ ބޮޑު ސަރަހައްދެއް ދޭން އުޅެނީ މާކެޓް އަގަށް ވުރެ މާ ކުޑަކޮށް އަދި ސީޕްލޭން ދުއްވާ ރާއްޖޭގެ އެހެން ކުންފުނިތަކުގެ ވިޔަފާރިއަށް ވެސް ހުރަސްއެޅޭ ގޮތަށް ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެ އެވެ.

ސީދާ ރައީސް އައްޔަންކުރައްވާ ބޯޑެއް ނަމަވެސް އެމްއޭސީއެލްގެ ބޯޑުގެ ކޮންޓްރޯލް އޮތީ ޓީއެމްއޭގެ ވިޔަފާރީގެ މަސްލަހަތު އޮންނަ ބައެއްގެ އަތްމަތީގައި ކަމަށް، ބުނެ، އާންމުންގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ފާޑުކިޔަމުންނެވެ. ދެން ތިއްބަވަނީ ވެސް، ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑެތި ވިޔަފާރިވެރިންނެވެ.

އެމްއޭސީއެލުން ބުނާ ގޮތުގައި އާ ސީޕްލޭން ޓާމިނަލްގެ ޖާގަ ދޭން އެއްވެސް ބަޔަކާ އެކު އަދި އެއްބަސްވުމެއް ހަދާފައެއް ނެތެވެ. އެކަމަކު ޓީއެމްއޭއިން ނެރުނު ބަޔާނެއްގައި، އަފަދަ އެއްބަސްވުމެއް އޮތްކަން ދޭހަވެ އެވެ. އެ ބަޔާނަށް ފަހު މިހާތަނަށް އެމްއޭސީއެލުން، އާންމުންނަށް ކަމެއް ސާފުކޮށްދޭން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.