ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ މިންވަރު ބެލުމަށް ޖިހާދާއި މުނައްވަރު ހާޒިރުކުރަނީ

ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އަދި ކުރީގެ ނާއިބު ރައީސް ޖިހާދު --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީން ބެލުމަށް ފާސްކޮށްފިއެވެ.

އެ މައްސަލަ މުޅި މަޖިލީހުގެ ކޮމެޓީން ބެލުމަށް ފާސްކޮށްފައިވަނީ 53 މެންބަރުންގެ ވޯޓުންނެވެ. މީގެއިތުރުން އެ މައްސަލައާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ. ޖިހާދު ހާޒިރު ކުރަނީ އެމަނިކުފާނަކީ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ މިނިސްޓަރެވެ. ނާއިބު ރައީސަކަށް ހަމަޖެއްސެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށެވެ. މުނައްވަރު ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ އޭގެ ފަހުންނެވެ.

މި ދެބޭފުޅުންގެ އިތުރުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވެސް ހާޒިރު ކުރެއްވުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން އޮޑިޓާރ ޖެނަރަލް ހަސަން ޒިޔަތު ވެސް މުޅި މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މައްސަލަ އެމަނިކުފާނު ހުށަހަޅުއްވަން ނިންމެވި ސަބަބަކީ މިދިޔަ އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ދަރަނީގެ ހިސާބުތަކާއި އޭގެ ކުރިން މަޖިލީހުގައި ހުރި ދަރަނީގެ ހިސާބުތަކާ ދިމާ ނުވާތީ ކަމަށެވެ.

ދައުލަތުގެ ދަރަނީގެ ނިސްބަތަކީ ކޮބައިކަން ސާފު ނުވާ ކަމަށާއި ދައުލަތުގެ ދަރަންޏެއް އުފެދުމުން ސަރުކާރުން އަމަލު ކުރަން ޖެހޭ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށާއި އޭގެ ތެރޭގައި ލޯނެއް ނެގުމަށްފަހު ނުވަތަ ގެރެންޓީއެއް ދިނުމަށްފަހު އެ ލޯނާއި ގެރެންޓީގެ ކަންކަން ބަލަހައްޓާ މެނޭޖް ކުރާނެ މެކޭނިޒަމްގެ ބަޔާންކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *