އަމީރަށް ދަރަނި މެނޭޖު ކުރަން ނޭނގޭ: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު --

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ދަރަނި ރަނގަޅަށް މެނޭޖު ކުރަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ނަޝީދު މިއަދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ މައްސަލަ އެމަނިކުފާނު ހުށަހަޅުއްވަން ނިންމެވި ސަބަބަކީ މިދިޔަ އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ދަރަނީގެ ހިސާބުތަކާއި އޭގެ ކުރިން މަޖިލީހުގައި ހުރި ދަރަނީގެ ހިސާބުތަކާ ދިމާ ނުވާތީ ކަމަށެވެ.

ދައުލަތުގެ ދަރަނީގެ ނިސްބަތަކީ ކޮބައިކަން ސާފު ނުވާ ކަމަށާއި ދައުލަތުގެ ދަރަންޏެއް އުފެދުމުން ސަރުކާރުން އަމަލު ކުރަން ޖެހޭ ގޮތް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި އެ ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށާއި އޭގެ ތެރޭގައި ލޯނެއް ނެގުމަށްފަހު ނުވަތަ ގެރެންޓީއެއް ދިނުމަށްފަހު އެ ލޯނާއި ގެރެންޓީގެ ކަންކަން ބަލަހައްޓާ މެނޭޖް ކުރާނެ މެކޭނިޒަމްގެ ބަޔާންކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެއާ އެއްގޮތަށް ކުރީ ސަރުކާރުން އަމަލުކޮށްފައިނުވާ ކަމާއި އަދި މިހާރުގެ މިނިސްޓްރީ އޮފް ފިނޭންސް އިން ވެސް އަމަލު ކުރަމުން ނުގެންދަވާކަން އަޅުގަނޑަށް ފާހަގަވޭ،" ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަން ކުރެއްވި ބޭފުޅުންނަށް ވެސް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދަރަނި ބެލެހެއްޓުމުގެ ޒިންމާ އެ މިނިސްޓަރުން ރަނގަޅަށް އަދާ ކުރައްވާފައި ނުވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *