މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން އެޖެންޑާކޮށްފައި ވަނިކޮށް، އިސްތިއުފާ ދެއްވައިފި

މުހައްމަދު މައުސޫމް - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރަން އެޖެންޑާކޮށްފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ޖަލްސާގައި އިއުލާން ކުރެއްވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޖޭއެސްސީން ބުނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކު އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދާފައިވާކަން ފައިސާކަން ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މެދު ހިތާވެފައިވާ ކަމާއި، މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން މައުސޫމް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *