މަޖިލީހުގެ ކޮމެޓީގައި ސިއްހީ ދާއިރާގެ ކުރީގެ މުވައްޒަފުން ދެއްކި ވާހަކަތައް ދޮގުކޮށްފި

ހެލްތް މިނިސްޓަރިު އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ސިއްހީ ދާއިރާގެ ކުރީގެ މުވައްޒަފުން ދެއްކި ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.

ސިއްހީ ދާއިރާގެ ކުރީގެ މުވައްޒަފުންތަކެއް މަޖިލީހުގެ ކޮމެޓީގައި ސިއްހީ ދާއިރާ ފަހަތަށް ޖެހެމުންދާ ވާހަކައާ ބައެއް މަގާމުތައް ހުސްކޮށް އޮންނަ ވާހަކައާ އަދި ހެލްތު މިނިސްޓަރު އަމީނަށް ވެސް އެކި ތުހުމަތުތައް ވަނީ ކޮށްފައެވެ.

އެގޮތުން އެންމެ ބޮޑު ތުހުމަތެއް ކޮށްފައި ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ނުފޫޒު ބޭނުން ކުރާ ކަމުގެ ވާހަކައެވެ. އެކަމާއި ގުޅިގެން މިރޭ ހެލްތު މިނިސްޓްރީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށް މެދުނުކެނޑި ހިދުމަތް ދިނުމަށް ހޯދާތަކެތި ހޯދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިޑިން ޕޮރޮސެސް ތެރެއިން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސިއްހީ ދާއިރާގެ މަސައްކަތްތަކަކީ ވަރަށް ފަންނީ ހިދުމަތްތަކަކަށްވީ ހިނދު، އެ ދާއިރާގެ މަސައްކަތްތައް ރާވާ ހިންގުމުގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުން ގެންދަނީ ދާއިރާގެ ހާއްސަ ގިންތިތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމަށެވެ. ސިއްހީ ދާއިރާގެ ފަންނީ ނިންމުންތަކަކީ ފަންނީ މީހުންގެ މައްޗަށް އެކުލަވާލެވޭ ކޮމިޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެ މަސައްކަތްތައް ކުރަނީ ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެ ތިއްބަވައިގެން އެބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއި އެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމްތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.

މީގެ އިތުރުން، ސިއްހީ ދާއިރާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއް ނެތި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވާއިދުން  ކުރިއަށް ގެންދަވަނީ ރައީސުލްޖމްހޫރިއްޔާ މިނިސްޓްރީއަށް އައްޔަންކޮށްފައިވާ ބޭފުޅުންނާއި ސިވިލް ސާވިސް މުވައްޒަފުންނާއި އެކުގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *