ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފި

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ --

ކޮވިޑް19 ގެ ސަބަބުން އައްޑޫ ސިޓީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ލާފައި އޮތުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތީ މިވަގުތު ހިތަދޫގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ހިތަދޫ އަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ޒަރޫޒީ ބޭނުމަކު ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ދާންޖެހިގެން ވެސް ބޭރަށް ދާނަމަ މާސްކު އަޅައި ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ފިހާރަތަކަށާއި، ކެފޭ، ރެސްޓޯރެންޓް އަދި މިސްކިތަށް ދާނަމަ މާސްކު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރެފައިވާ އެންގުމެއްގައި ބުނީ ހިތަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިތަދޫ އަށް އަރާ ފޭބުން މަނާ ކޮށްފައިވާއިރު ހިތަދޫ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވެފައެވެ. އަދި އައްޑޫ ސިޓީ ފޭދޫގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *