ކޯލިޝަން އެއްބަސްވުމާއި ޕާޓީއެއްގެ އަސާސީ ގަވާއިދަކީ ދެ އެއްޗެއް: ޖޭޕީ

ޖުމްހޫރީ ޕާޓީ އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / ވީނިއުސް

ސަރުކާރަށް އައުމަށް ޕާޓީތަކާއި އެކުގައި އެކުލަވާލާ ކޯލިޝަން އެއްބަސްވުމަކާއި ވަކި ޕާޓީއެއްގެ އަސާސީ ގަވާއިދަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދު މިފަދައިން ޓްވީޓާގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރެއްގައި ވުޒާރާތަކަށް އައްޔަން ކުރައްވާ ކޯލިޝަން ޕާޓީތަކުގެ ވަޒީރުން އެއްވެސް ސަބަބަކާއި ހުރެމެ މަގާމުން ވަކި ކުރައްވައިފި ނަމަ އެ މަގާމު ޕާޓީތަކަށް ދިނުމުގައި ޝަރުތުތަކެއް ކަނޑައަޅަން އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހެޅުމަށް މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ނިންމާފައި ވަނިކޮށެވެ.

އެ އިސްލާހުގައި ވަނީ އެމްޑީޕީ ގެ ކެންޑިޑޭޓެއް ގެ ވެރިކަމެއްގައި އެކުލަވާލާ، ކޯލިސަން ސަރުކާރެއް ގެ ވަޒީރެއްގެ މައްޗަށް ކޮރަޕްސަނާއި ޖިންސީ ފުރައްސާރައިގެ އަދި މި ނޫން ތުހުމަތެއްގައި ވަޒީރަކު ވަކި ކޮއްފިނަމަ ކޯލިޝަންގެ ސްލޮޓު ގެއްލިގެން ދާނެ ކަމަށެވެ.

އެފަދަ ވުޒާރާއެއްގެ ވަޒީރަކަށް އައްޔަން ކުރަންވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ މެމްބަރެއްގެ ނަން ކަމަށްވެސް އިސްލާހުގައިވެއެވެ.

އެކަމާއި ގުޅިގެން ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ވެރިކަމަށް އަންނަ ޕާޓީތަކުން ހަދާ ކޯލިޝަން އެއްބަސްވުމާއި ޕާޓީތަކުގެ އަސާސީ ގަވާއިދަކީ ގުޅުމެއް ނެތް ދެ ކަމެއް ކަމަށެވެ. ޕާޓީއެއްގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލަކުން ކޯލިޝަނެއްގެ އެއްބަސްވުމަށް ބަދަލެއް ނާންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އޭނާ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅީ ކޯލިޝަން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައާ ޖިންސީ ފުރައްސާރައާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް ހުއްޓުވަން ޖެހޭ ކަމަށެވެ. މަދު މީހުން ހިމެނޭ ޕާޓީ ތަކުގެ ބަދަލުގައި ގިނަ މެމްބަރުން ހިމެނޭ ޕާޓީ ތަކުގެ ބައިވެރިވުން އިތުރުކޮށް ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ ވެސް އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ އިސްލާހެއް ބޮންޑޭ ހުށަހެޅުއްވިއިރު ސަރުކާރު ކޯލިޝަން ޕާޓްނަރު ޖޭޕީ އަށް ދީފައިވާ ޓޫރިޒަމް މިނިސްޓްރީއަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތުހުމަތު ކުރެވި އޭނާ މަގާމުން ވަނީ ވަކި ކޮށްފައެވެ. އަދި މަހެއްހާ ދުވަހު އެ މަގާމު ހުސްކޮށް އޮތުމަށްފަހު ދެވަނަ އަށްވެސް އައްޔަން ކުރެއްވީ ޖޭޕީގެ ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ މައުސޫމުއެވެ.

Leave a Reply

Your email address will not be published. Required fields are marked *