ސަރުކާރެއް ހިފަހައްޓަން ފައިސާ ދޫކުރުމަކީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ: ސައީދު

މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ސައީދު މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ސަރުކާރެއް ހިފަހައްޓަން ފައިސާ ދޫކުރުމަކީ ދިމާވާނެ އެންމެ ބޮޑު ނުރައްކާ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތަށް ހަތަރު ބިލިއަން ރުފިޔާ އޯވަޑްރޯ ކޮށްދީފައިވުމާ ގުޅިގެންނެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މަހަކަށް އެއް ބިލިއަން ޗާޕުކޮށް ސަރުކާރެއް ހިފަހައްޓަން ފައިސާ ދޫކުރުމަކީ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. ޑޮލަރުގެ އަގު 19 ރުފިޔާއަށް އުފުލިއްޖެ ކަމަށާއި ބާޒާރުގެ އަގުތައް އުފުލި ރައްޔިތުންގެ ޖީބުތައް ހުސްވެއްޖެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އޭނާ ވަނީ އެކަން ހުއްޓުވަން ޖެހޭ ކަމަށް ގޮވާލާފައެވެ.

ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22ވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓަރުގެ އެދިލެއްވުމާއި އެއްގޮތަށް މަޖިލީހުން ވަނީ އެކަން ކޮށްދެވޭނެ މަގު ތަނަވަސް ކޮށްދީފައެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 4 ބިލިއަން ރުފިޔާ ދީފައިވާއިރު މި ފައިސާއަކީ ދައުލަތަށް އެންމެ އެކަށީގެންވާ ގޮތަށް އާމްދަނީ ލިބިފައި ނުވާތީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ދިން ފައިސާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *