ޕޮޒިޓިވްވެފައި ވަނިކޮށް ފިލި ބިދޭސީން ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް ފިލައިގެން އުޅުނު ބިދޭސީންތަކެއް ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނީ ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ފިލައިގެން އުޅުނު ބައެއް މީހުން ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ފިލައިގެން އުޅޭ ބިދޭސީންގެ 15 މީހުން އަދިވެސް ފެނިފައި ނުވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެމީހުން ނުހޯދުމަށް ނިންމާފައި ވަނީ އެ މީހުން ބަލިޖެހިގެން މިހާތަނަށް 21 ދުވަސްވެފައި ވާތީ އެމީހުންނަކީ މިހާރު ބަލިން ރަނގަޅުވެފައިވާ ބައެއް ކަމަށް ބަލާފައެވެ.

"ކުރިން ތިބި 15 މީހުންގެ މިހާރު 21 ދުވަސް ހަމަވެއްޖެ. އަޅުގަނޑުމެނަށް އޭގެ ތެރެއިން ބައެއް މީހުން ހޯދިފައި. ގެއްލިފަ ތިބި ބައެއް މީހުން ހޯދިފަ ނުފެނި ތިބި 15 މީހުން. އެ މީހުން މިހާރު 21 ދުވަސް ކޮމްޕްލީޓްވީމަ ދެން އިތުރަށް އަޅުގަނޑުމެން އެ މީހުން ހޯދުމުގެ މަސައްކަތެއް ނުކުރާނެން. ދެން އެ މީހުން ރިކަވާވީ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިއަދުވެސް ކޮވިޑް19 އަށް 129 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4898 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 2088އަށް އަރާފައިވާއިރު، މިއަދު ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. އެއާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 2791 އެވެ.

Leave a Reply

Your email address will not be published. Required fields are marked *