ކޮރޯނާ ވައިރަަސް ޖެހިފައިވާ އިތުރު ބަޔަކު ސިންގަޕޫރުން ފެނިއްޖެ

ސިންގަފޫރު/ ފޮޓޯ: ގޫގުލް

 ޗައިނާގެ ވޫހާން ސިޓީން ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަސަރު ދުނިޔޭގެ އެކި ގައުމުތަކަށް ކުރަމުންދާއިރު، އެ ވައިރަަސް ޖެހިފައިވާ އިތުރު ތިން މީހަކު ސިންގަޕޫރުން ފެނިއްޖެ އެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 56 އަހަރުގެ ދެ ފިރިހެނުންނާއި 56 އަހަރުގެ އަންހެނެއް ކަމަށެވެ.

މި އެންމެންނަކީ ވެސް ޗައިނާ އަށް ނިސްބަތްވާ މީހުން ކަމަށާއި އަދި މި މީހުންނަކީ ޗައިނާގެ ވޫހާން ސިޓީން ސިންގަޕޫރަށް އައި މީހުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ވޫހާން އަކީ މި ބަލި އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ބޮޑަށް ފެތުރެމުން އަންނަ ސިޓީ އެވެ.

މި ތިން މީހުންނާއެކު ސިންގަޕޫރުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ވޫހާން ސިޓީން ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.

މި ބަލީގައި މިހާތަނަށް ޗައިނާގެ 170 މީހުން މަރުވެފައިވާއިރު މި ބައްޔަށް މިހާތަނަށް ޗައިނާގެ 7811 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 1370 ހާލު ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

މިދިޔަ ހަފްތާއާ އަޅާ ބަލާއިރު މި ބަލީގައި މަރުވި މީހުން އަދި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި ބަލީގައި މިހާތަނަށް މަރުވެފައިވާ އެންމެން ވެސް ނިސްބަތްވަނީ ޗައިނާ އަށެވެ.

Leave a Reply

Your email address will not be published. Required fields are marked *