ވަކިކުރާ ވަޒީރުންގެ ސްލޮޓު، ޕާޓީތަކަށް ދިނުމުގައި ޝަރުތުތަކެއް ކަނޑައަޅަން ހުށަހަޅައިފި

ވަޒީރުންގެ މަޖިލިސް ހުވާ ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުރިހާ ވަޒީރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުއްޓިލައިގެން --

އެމްޑީޕީގެ ސަރުކާރެއްގައި ވުޒާރާތަކަށް އައްޔަން ކުރައްވާ ކޯލިޝަން ޕާޓީތަކުގެ ވަޒީރުން އެއްވެސް ސަބަބަކާއި ހުރެމެ މަގާމުން ވަކި ކުރައްވައިފި ނަމަ އެ މަގާމު ޕާޓީތަކަށް ދިނުމުގައި ޝަރުތުތަކެއް ކަނޑައަޅަން ހުށަހަޅައިފިއެވެ.

މިގޮތަށް އިސްލާހު ހުށަހެޅީ އެމްޑީޕީގެ އަސާސީ ގަވާއިދަށެވެ. އެ އިސްލާހު ހުށަހެޅީ މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ)އެވެ. ބޮންޑޭ ވަނީ އެ އިސްލާހު "ހަތާވީސް އޮންލައިން" އަށް ހިއްސާ ކުރައްވާފައެވެ. އެ އިސްލާހުގައި ވަނީ އެމްޑީޕީ ގެ ކެންޑިޑޭޓެއް ގެ ވެރިކަމެއްގައި އެކުލަވާލާ، ކޯލިސަން ސަރުކާރެއް ގެ ވަޒީރެއްގެ މައްޗަށް ކޮރަޕްސަނާއި ޖިންސީ ފުރައްސާރައިގެ އަދި މި ނޫން ތުހުމަތެއްގައި ވަޒީރަކު ވަކި ކޮއްފިނަމަ ކޯލިޝަންގެ ސްލޮޓު ގެއްލިގެން ދާނެ ކަމަށެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރަޝީދު / ފޮޓޯ- ރައްޔިތުންގެ މަޖިލިސް

އެފަދަ ވުޒާރާއެއްގެ ވަޒީރަކަށް އައްޔަން ކުރަންވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ މެމްބަރެއްގެ ނަން ކަމަށްވެސް އިސްލާހުގައިވެއެވެ.

ބޮންޑޭ ވިދާޅުވީ އޭނާ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅީ ކޯލިޝަން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަނާއި ފަސާދައާ ޖިންސީ ފުރައްސާރައާ ޖިންސީ ގޯނާގެ މައްސަލަތައް ވެސް ހުއްޓުވަން ޖެހޭ ކަމަށެވެ. މަދު މީހުން ހިމެނޭ ޕާޓީ ތަކުގެ ބަދަލުގައި ގިނަ މެމްބަރުން ހިމެނޭ ޕާޓީ ތަކުގެ ބައިވެރިވުން އިތުރުކޮށް ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ ވެސް އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށްވެސް ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހަށް މެންބަރުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ގައުމީ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި ޕާލިމަންޓްރީ ގްރޫޕަށް ވެސް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *