ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޝަރީއަތް ނިމެންދެން ބަންދުކުރި ޝުއާއު: ފޮޓޯ / ޕޮލިސް

ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ގްރީންވާޑް، 32 އަހަރުގެ ޝުއާއު ޝަރީފް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނީ މި މަހުގެ ތިންވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އެކަމާއި ގުޅިގެން ޝުއާއު މި މަހުގެ ހަތަރުވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ ހަތަރުވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭނާ ދޫކޮށްލަން ނިންމައި ނެެރުނު އަމުރު މުރާޖާ ކޮށްދެއްވުމަށް ފަހުން އެދުނު ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން މި މަހުގެ 6ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ނިންމާފައި ވަނީ، އެ މައްސަލާގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާ ހިނދު ޝުއާއު ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް ޝުއާއުގެ ފަރާތުން ހިނގާފައިވާ ކަމަށް ބެލެވޭ މިންވަރަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ހުށަހެޅި ހެއްކާއި ގަރީނާ ލިބޭތީވެ ޝުއާއު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން މި ދަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *