ފްރާންސްގެ ރައީސް ބެއިރޫތަށް، ވިދާޅުވީ އެގައުމުން އެހީތެރިކަން ދެއްވާނެ ކަމަށް

ފަރަންސޭސި ރައީސް ބެއިރުތުގައި ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ބައްލަވާލައްވަނީ: ފޮޓޯ / އަލްޖަޒީރާ

ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ނުރައްކާތެރި ގޮވުންތަކެއް ގޮވައި ބޮޑެރި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޮން ބެއިރޫތަށް ވަޑައިގެންފިއެވެ.

މެކްރޮން ވަނީ ބެއިރޫތަށް ވަޑައިގެން ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ބައްލަވާލައްވާފައެވެ. ލުބްނާނުގެ ރައްޔިތުންނަށް ހިތްވަރު ދެއްވާ އޭނާ ވަނީ އެގައުމަށް ފަރަންސޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

މެކްރޮން ވަޑައިގަތުމުން ލުބްނާނުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް އެކަމާ ހިތްހަމަޖެހިފައެވެ. އަދި އެފަދަ ބޮޑު ގައުމެއްގެ ރައީސެއް ސީދާ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ޝަކުވާތަކާއި ރައްޔިތުންގެ އާދޭސް އެއްސެވީތީ ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ. މެކްރޯން ބެއިރޫތުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައި މިވަނީ، ލުބުނާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ވެސް އެ ސިޓީގެ ރައްޔިތުންނާއި ބައްދަލު ނުކޮށް ވަނިކޮށެވެ.

ލުބްނާންގެ ރައްޔިތެއްގެ ގައިގައި މެކްރޮން ބައްދާލަނީ: މެކްރޮން ވަޑައިގަތުމުން ލުބްނާން ރައްޔިތުންނަށް ވަނީ ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައި --

ލުބުނާނުގެ ޢާންމުންގެ ގިނަ ބަޔަކުވަނީ ލުބުނާނުގެ ސަރުކާރާމެދު އެ މީހުންގެ ހިތުގައި އުފެދިފައިވާ ޝަކުވާ މެކްރޮންއާ ހިއްސާ ކުރައްވާފައެވެ. ޝަކުވާތައް އެއްސެވުމަށްފަހު މެކްރޮން ވިދާޅުވީ އޭނާ ލުބުނާނަށް ވަޑައިގަތީ ސަރުކާރުގެ އިސްވެރިންނަށް އެހީތެރިވެވަޑައިގަތުމަށް ނޫން ކަމަށާއި އޭނާ ވަޑައިގަތީ އާންމު ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށެވެ. އަދި އެހީގެ ގޮތުގައި ފޯރުކޮށްދޭ ފައިސާ ސީދާ ރައްޔިތުންނާ ހަމައަށް ފޯރާކަން ޔަގީން ކުރައްވާނެ ކަމަށް މެކްރޮން ވަނީ ވިދާޅުވެފައެވެ.

މެކްރޮން ވަނީ ބެއިރޫތަށް ވަޑައިގެން އެ ސިޓީގައި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް ގޮވާލައިފައެވެ. ލުބްނާން ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މެކްރޮން ވަނީ އަވަސް އަދި ހަރުދަނާ ބަދަލުތަކެއް ގެނައުމަށް ގޮވާލާފައެވެ.

މިހާދިސާގައި 137 މީހަކު މަރުވެފައިވާއިރު 5،000 މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ދެ ހަފްތާގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *