އިންސާފަށް ވާސިލް ނުވެވި، 6 އަހަރު!

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

ކުރިން ބުނަމުން ދިޔައީ ނޫސްވެރިޔާ އަހުމަދު ރިލްވާން ކޮބާ ހެއްޔެވެ. އޭނާއަށް ވީ ކިހިނެއް ހެއްޔެވެ. ހަތަރު އަހަރަށްވުރެ ގިނަ ދުވަހެއްގެ އިންތިޒާރުގައި ތިބުމަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލްވާނަށް ވީ ކިހިނެއް ކަމާއި އޭނާ ކޮބައިކަން އެނގިއްޖެއެވެ.

"ރިލްވާން ރަހީނު ކުރުމަށްފަހު ކާރު ފަހަތުުން އިތުރު ތިން މީހަކު ސައިލުގައި އާދޭ. ގޮސް ރިލްވާން އަރުވާނީ، ޑީންގީއަކަށް. ޑިންގީއަކަށް އެރުވުމަށްފަހު، ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންގޮސް އޭނާ ވަނީ މަރާލާފައި. މިހާތަނަށް ހޯދި ހޯދުންތަކުން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރިލްވާން މަރާލާފައިވަނީ މިދެންނެވި ޖަމާއަތުގެ [އަލްގައިދާ ރާއްޖެ ގޮފި] ފަރާތުން މަރާލާފައި ކަން،" މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ރިޔާސީ ކޮމިޝަނުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭރު އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މިހާރުގެ ސުޕްރީމް ކޯޓު ފަނޑިޔާރު ހުސްނުސުއޫދު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ރިލްވާން ގަދަކަމުން ފޮރުވުމަށް ފަހު އޭނާއާ މެދު އަމަލުކުރި ގޮތާއި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ. މީގެކުރިން އުފެއްދި އެތަކެއް ސުވާލުތަކެއްގެ ޖަވާބު ލިބިފައިވީ ނަމަވެސް މައްސަލާގައި އަދިވެސް މަސައްކަތްތައް އޮތީ ކުރިޔަށެވެ. ދައުވާ ކުރުމާއި ހެކި ހޯދުމެވެ. ބައެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އަދި ބަޔަކަށް ދައުވާ ކުރާއިރު އެކަން ކޯޓުގައި ސާބިތު ކޮށްދެވޭނެ ވަރަށް ހެކި ހުންނަން ޖެހެއެވެ. ނޫންނަމަ ކުރިހާ މަސައްކަތް ފެނަށްވެގެން ހިނގައިދާނެއެވެ. މިކަން ކުރުމަކީ ދައުލަތުގެ ހަޒާނާއިން ގެއްލިފައިވާ ފައިސާއެކޭ އެއްވަރަށް މުހިއްމު ކަމެކެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ކުރީގެ ރައީސް ސުއޫދު: ފޮޓޯ / ސަން

މަރު ކޮމިޝަނުގެ އޭރުގެ ރައީސް ސުއޫދު ވިދާޅުވީ ސީރިޔާގެ ހަނގުރާމައަށް ދިވެހިން ދާ ދިޔުމާ ގުޅޭ ގޮތުން ރިލްވާން މިނިވަން ނޫހުގައި ލިޔަމުން އައި ލިޔުންތަކަކާ ގުޅިގެން ސީރިޔާގައި ތިބި ދިވެހި ހަނގުރާމަ ވެރިންގެ މައުލޫމާތު ގެނެސްދޭ ފޭސްބުކް ގްރޫޕެއް ކަމަށްވާ، ބިލާދުއްޝާމް އާއި ރިލްވާންއާ ދެމެދު ފޭސްބުކް މެދުވެރިކޮށް 2014، މޭ 27، އަދި 28 ވަނަ ދުވަހު ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ. އެގޮތުން މޭ 28 ވަނަ ދުވަހު ބިލާދުއްޝާމް ގްރޫޕްގެ އެޑްމިންއިން ރިލްވާންގެ ފޭސްބުކަށް ފޮނުވި މެސެޖެއްގައި "ކަލެއަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށް" ބުނެ ރިލްވާންއަށް އިންޒާރު ދީފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

މި މައްސަލާގައި މިހާތަނަށް 14 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައި އެބަވެއެވެ. ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވާ އެއް ކަމަކީ މިއީއެވެ. މި މައްސަލާގައި އެތައް ބައެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އެމީހުން ހައްޔަރު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ. އެމީހުންނަށް ދައުވާއެއް ނުކުރެވެނީ ކީއްވެގެން ހެއްޔެވެ. އެއިން އެއްވެސް ކަމެއް ނުކުރެވޭ އިރު އެމީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ކޮން ސަބަބަކާއި ހެދިގެން ހެއްޔެވެ. ނަމަވެސް ހަގީގަތަކީ މަރު ކޮމިޝަނުގެ ތަހުގީގު އަދިވެސް ނުނިމޭ ކަމެވެ. އެހެންކަމުން ބަޔަކު ހައްޔަރު ކުރާއިރު އެކަށީގެންވާ ވަރަށް ހެކި ހޯދަން ޖެހެއެވެ. ނަމަވެސް އެ ހެކި ލިބޭނެ ކަމާއި މެދު މިއަދު މިވަނީ ސުވާލު އުފެދޭ ހިސާބަށް ގޮސްފައެވެ.

ރިލްވާނަށް އިންސާފު ހޯދައިދޭން އެދި އޭނާގެ މަންމަ ޕޯސްޓަރެއް ހިފަހައްޓައިގެން --

އޭރު ސުއޫދު ވިދާޅުވީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރަން ޖެހިއްޖެ ނަމަ ފުލުހުން މެދުވެރިކޮށް އެކަން ކުރާނެ ކަމަށެވެ. އޭގެފަހުން ވެސް އަހަރެއްވާން ގާތްވަނީއެވެ. މިހާތަނަށް އެންމެ މީހަކުވެސް ހައްޔަރު ކުރެވިފައެއް ނުވެއެވެ. މީހަކު ހައްޔަރު ނުކުރެވުނު ތަނުގައި ރިލްވާންގެ މައްސަލައިގެ ތަހުގީގަށްވީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. އަދި ތަހުގީގަށް ލިބިގެން ދިޔަ ކުރިއެރުންތަކަކީ ކޮބައިކަންވެސް މިފަހުން ހާމަކޮށްފައެއް ނުވެއެވެ. އެނގޭހާވެސް އެއްޗަކީ ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން މި މައްސަލައަށް އިންސާފު ހޯދައި ދިނުމަށް ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިއަދުވެސް ރިލްވާންގެ އާއިލާއިން ބުނަމުން އަންނަނީ މީގެ 6 އަހަރު ކުރިންވެސް ބުނި ވާހަކައެވެ. އިންސާފު ހޯދައި ދޭށެވެ.

Leave a Reply

Your email address will not be published. Required fields are marked *