ނިޒާމު ރަނގަޅު ދުސްތޫރުވެސް ރަނގަޅު، ގޯހީ ނިޔަތް!

ގާނޫނުއަސާސީ --

"ފެހި ގާނޫނު އަސާސީގެ ފެށުމަކީ ސިޔާސީ ޕާޓީ އުފައްދަން ކުރި މަސައްކަތް" ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ އެއް އަހަރު ކުރިން މި ދުވަހު ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ވިދާޅުވިއެވެ. ތެދެކެވެ. ސިޔާސީ ޕާޓީތައް ވުޖޫދުވެގެން އައީ ފެހި ގާނޫނުއަސާސީގެ ސަބަބުންނެވެ. ފެހި ގާނޫނުއަސާސީ ވުޖޫދަށް އަންނަން ޖެހުނު އަނެއް ސަބަބަކީ ރައްޔިތުން ބޭނުންވި އެތައް ހައްގެއް ނުލިބި އޮތުމެވެ. ހާއްސަކޮށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނުވަތަ މިހާރު ގާނޫނުއަސާސީގައި ބުނެފައިވާ 27ވަނަ މާއްދާގައިވާ ދުލާއި ގަލަމުން ހިޔާލު ފާޅު ކުރުމުގެ މިނިވަން ނެތުމެވެ. މީގެ 12 އަހަރުކުރިން ގާނޫނުއަސާސީ ތަސްދީގު ކުރެއްވީ އޭރު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމެވެ. އެއާއިއެކު ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ތަންމިނެއް ހުޅުވިގެން ދިޔައެވެ. މި ގާނޫނުއަސާސީ އަށް މުޒާހަރާ ގާނޫނުއަސާސީ ވެސް ކިޔެނީ އެހެންވެގެންނެވެ.

އޭރު އަމަލުކުރަމުން ދިޔަ ނޫ ގާނޫނުއަސާސީ އިސްލާހުކޮށް ނުވަތަ އެ ގާނޫނުއަސާސީ އެއްކައިރި ކުރުމަށްފަހު މުޅިން އައު ގާނޫނުއަސާސީއަށް އެކުލަވާލަން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޖެހިވަޑައިގަތީ އެމަނިކުފާނަށް އެތަކެއް ގޮތް ގޮތުން ގޮންޖެހުންތަކާއި ކުރިމަވެގެންނެވެ. އެންމެ ފަހުން އެމަނިކުފާނު "ސިޔާސީ އިސްލާހީ އެޖެންޑާ" އެއް އިއުލާން ކުރެއްވިއެވެ. އެ އިސްލާހީ ބަދަލުގެ ތެރޭގައި ގާނޫނުއަސާސީ ވެސް ވެގެން ދިޔައެވެ.

އެ އެޖެންޑާގެ ދަށުން އޭރު އަމަލުކުރަމުން ދިޔަ ގާނޫނުއަސާސީގެ 94ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހާއްސަ މަޖިލިސް 2004 ވަަނަ އަހަރުގެ 19 ޖުލައިިގައި އެއްކުރައްވައި އާ ގާނޫނު އަސާސީއެއް ވުޖޫދުކުރުމުގެ މަސައްކަތް ފެށިއެވެ. މަސައްކަތް ނިންމާލެއްވީ 2008 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވީދުވަހުއެވެ. ކުރިންވެސް ދެންނެވި ގޮތަށް ގާނޫނުއަސާސީ ތަސްދީގު ކުރެއްވީ 2008ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7ވަނަ ދުވަހުއެވެ.

ކޮންމެއަކަސް މިއަދު ގާނޫނުއަސާސީ 12 އަހަރު މިވަނީ ފުރިފައެވެ. މީގެއިން ވެސް ރާއްޖޭ އޮތީ ޑިމޮކްރަސީގައި ވަރަށް ޅަފަތުގައިކަން އެނގެއެވެ. ފާއިތުވި 12 އަހަރުގެ ތެރޭގައި ގާނޫނުއަސާސީގެ ހިމާޔާތުގައި ކަމަށް ބުނެ އެތަކެއް ކަންކަމެއް މި ގައުމުގައި ހިނގައިފިއެވެ. ގާނޫނުއަސާސީއާ ހިލާފު އެތައް ކަމެއް ގައުމުގައި ހިނގައިފިއެވެ. ވެރިކަން ހިންގުމުގެ ނިޒާމާއި ޝަރުއީ ނިޒާމާ ހުދު ގާނޫނު ހެދުމުގެ ބާރުންވެސް މި ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ނުހިތާ އެތައް ކަމެއް ކޮށްފިއެވެ.

އެންމެ ފުރަތަމަ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާއި އެކުގައި ބޭއްވި ރިޔާސީ އިންތިހާބަށް ބަލާލާއިރު އެ އިންތިހާބު ބާއްވާފައި ވަނީ ގާނޫނުއަސާސީގައި ބުނާ މުއްދަތުގައެއް ނޫނެވެ. 10 އޮކްޓޫބަރު 2008ވަނަ އަހަރު ބާއްވަން ގާނޫނުއަސާސީގައި ބުނެފައިވާ އިންތިހާބު ބޭއްވީ އޭގެ 20 ދުވަސް ފަހުންނެވެ. ދެން އޮތީ ޖެހިގެން އައި އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބުވެސް ބޭއްވީ ގާނޫނުއަސާސީގައި ބުނެފައިވާ މުއްދަތު ފަހަނައަޅާ ދިޔަ ފަހުންނެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުވެސް ބޭއްވީ ހަމަ ގާނޫނުއަސާސީގައި ބުނެފައިވާ މުއްދަތުގައި ނޫންކަން ފާހަގަކުރެވެއެވެ.

ބައެއް މުއައްސަސާތަކަށް އިންތިގާލީ މެންބަރުން އައްޔަން ކުރިއެވެ. ސުޕްރީމް ކޯޓަށް އިންތިގާލީ ބެންޗެއް އެކުލަވާލިއެވެ. ނަމަވެސް "ވަގުތީ ދާއިމީ" ބުނާ އުސޫލުން އެ އިންތިގާލީ މަރުހަލާގައި އައްޔަން ކުރެއްވި ބޭފުޅުން ދެ އަހަރެއްހާ ދުވަސް ވެގެން ދިޔައިރުވެސް މަގާމުގައި ތިއްބެވިއެވެ. މުޅިން ގާނޫނުއަސާސީއާ ހިލާފަށް ކުރެވިފައިވާ ކަންކަމެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނާއި އިންތިހާބު ކުރައްވާފައިވާ އެތަކެއް ބަޔަކު ގާނޫނުއަސާސީއާ ހިލާފަށް ވަކި ކުރައްވައިފިއެވެ. އޭގެތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި މިހާރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމް އަދުނާން 18ވަނަ ރައްޔިތުންގެ މަޖިލީހުން "އެއްލާލީ" ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ގާނޫނަކަށް ގެނައި ބަދަލަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އަދި ދެވަނަ ނާއިބު ރައީސް އަހުމަދު އަދީބަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިފާއުވުމުގެ ފުރުސަތު ދިނުމެއް ނެތި މަގާމުން ވަކިކުރެއްވިއެވެ.

ސުވާލަކީ މިފަދަ ކަންކަން ކުރެވިފައިވާ ފަރާތްތަކަށް އަދަބު ނުދެވެނީ ކީއްވެގެން ހެއްޔެވެ. ގަސްތުގައި ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރަނީ ހެއްޔެވެ. ގާނޫނުއަސާސީ އާއި ހިލާފު ކަންކަން ކުރުމުން ދެވޭނެ އަދަބުތައް ގާނޫނުތަކުގައި ކަޅާ ހުދުން ލިޔެވިފައިވެއެވެ. ނަމަވެސް އެކަންކަން ކުރެއްވި ބޭފުޅުންނަށް އެޅުނު އެއްވެސް ފިޔަވަޅެއް ނެތެވެ.

ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރެއްވީ މިވެނި އެވަނި ވެރިއެކޭ ބުނެވޭކަށް ނެތެވެ. ކުރީގެ ވެރިކަން ކުރެއްވި ބޭފުޅުން ގާނޫނުއަސާސީއާ ހިލާފު ކަންކަން ކުރެއްވުމުން ދެން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން އެކަންކަން އިސްލާހު ނުކޮށް ހަމަ އެ މަގުން ދާކަމަށްވާ ނަމަ އޭގެއިން ދޭހަވަނީ ހުދު އެބޭފުޅުންވެސް އޭރު ވެރިކަން ކުރެއްވި ބޭފުޅުން ގާނޫނުއަސާސީއާ ހިލާފަށް ކުރެއްވި ކަންކަމަށް ތާއީދު ކުރައްވަނީ ކަމެވެ. އޭގެ މިސާލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހެވެ. ތަކުރާރުކޮށް އެތަކެއް ބައްދަލުވުމެއްގައި އެތަކެއް ފޯރަމެއްގައި އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި އިސްލާހެއް ކަމަށް މިއަދު ވެރިކަމުގަިއ ތިއްބެވި ބޭފުޅުން ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރު ވަނީއެވެ. އެ އިސްލާހު އޮތީ އަދިވެސް އެގޮތުގައެވެ. އެންމެ ފަހުން ހޯމް މިނިސްޓްރީން ވަނީ އެއްވެ އުޅެވޭނީ ހަމަ ކުރީގެ ސަރުކާރުން ގެނައި އިސްލާހުގައި ބުނެފައިވާ ގޮތަށް ކަމަށް ބުނެ ރައްޔިތުންނަށް އެކަން އިތުރަށް ހަނދާން ކޮށްދީފައެވެ.

"1998 ވަނަ އަހަރު ދިވެހިރާއްޖޭގައި އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ހިޔާވަހިކަމުގެ ދަށުގައި، ދިވެހިރާއްޖެއަށް އަންނަމުންދިޔަ އިޖުތިމާއީ އަދި އިގުތިސޯދީ ބޮޑެތި ބަދަލުތަކާއި ދުނިޔެ އަށް އަންނަމުންދިޔަ ބަދަލުތަކަށް ރިއާޔަތް ކުރިއިރު، ދައުލަތް ހިންގުމުގެ ދިމިގްރާތީ ނިޒާމުތަކާއި އޮނިގަނޑުތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށާއި، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށާއި، ރައްޔިތުންނަށް ލިބިދެވޭ ހައްގުތައް ފުޅާކޮށް، އެ ހައްގުތައް ރައްކާތެރިކޮށް ހަރުދަނާ ކުރުމަށްޓަކައި އޭރު އަމަލުކުރަމުން ދިޔަ ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނެވެ." ގާނޫނުއަސާސީ އަށް އަހަރުވުމުން އޭރު ރައީސް މައުމޫން ވިދާޅުވިއެވެ.

ނަމަވެސް ގާނޫނުއަސާސީގައި ރައްޔިތުންނަށް ދީފައިވާ އެންމެހާ ބާރުތަކާއި ހައްގުތަކަށް ވަކިބަޔަކު ބޭނުންވާ ގޮތަކަށް އަނބުރާލުމަކީ ގާނޫނުއަސާސީގެ ރޫހެއް ނޫނެވެ. ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބުނެފައިވާ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިން ކަމަށް ބުނެފައިވާއިރު މި ގަމުގައި އެކަން ހިނގަނީ އެހެންތޯއެވެ. މައްސަލައަކީ ގާނޫނުއަސާސީ އެއް ނޫނެވެ. މައްސަލައަކީ ވެރިކަން ހިންގަމުން އަންނަ ނިޒާމެއް ވެސް ނޫނެވެ. އެ ގާނޫނުއަސާސީގައި ސާފުކޮށް ކަންކަން ކުރަންވީ ގޮތްތައް ބަޔާން ކޮށްދީފައި އެބައޮތެވެ. މަގާމުތަކުން މީހުން ވަކިކުރަންވީ ގޮތާއި އައްޔަން ކުރަންވީ ގޮތްތައް ބަޔާންކޮށް ދީފައި އޮތް އިރުވެސް ކަން ކުރާ މީހުން އެކަންކަން ކުރަނީ އިމުން ބޭރުންނެވެ. އެހެންކަމުން ގާނޫނުއަސާސީގައި މައްސަލައެއް ނެތްކަން ވަރަށް ސާފެވެ.

Leave a Reply

Your email address will not be published. Required fields are marked *