ޑރ. މައުސޫމަށް ރައީސް މައުމޫންގެ ތައުރީފު

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް (ކ): ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރައްވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަގާމަށް މައުސޫމް އައްޔަން ކުރެއްވުމުން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރުހަބާ ދަންނަވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި މައުސޫމް ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާއިރު މައުމޫން ވިދާޅުވީ މައުސޫމްއާ ހަވާލުވެފައިވަނީ ވަރަށް ބޮޑު ޗެލެންޖަކާއި ކަމަށެވެ. ނަމަވެސް މައުސޫމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާ އެކީގައި މަތިކޮށްފައިވާ ޒިންމާ އަދާކޮށް ނަތީޖާ ނެރެދެއްވާނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މައުސޫމް މަގާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފަނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރެވެ.

މައުސޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، އެނާޖީ އެންޑް ވޯޓާގެ މަގާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

މައުސޫމް އެންމެފަހުން އަދާކުރެއްވި މަގާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *