ޖޭއެސްސީ އަށް އުއްމުކުލްޘޫމް އައްޔަން ކުރައްވައިފި

އުއްމު ކުލްސޫމް ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށްފަހު މަގާމުގެ ލިޔުން ރައީސް ހަވާލު ކޮށްދެއްވަނީ: ފޮޓޯ / ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުކަމަށް، އާމިނަތު އުއްމުކުލްޘޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އުއްމުކުލްޘޫމް އެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެގޮތުން އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމަށް 67 މެމްބަރުން ވޯޓު ދެއްވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އުއްމުކުލްޘޫމް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިއަދު ވަނީ ކުރައްވާފައެވެ. އުއްމުކުލްޘޫމަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

އުއްމުކުލްޘޫމް މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ.

އުއްމުކުލްޘޫމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސްމަޤާމުތައް އުއްމުކުލްޘޫމް ފުރުއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *