ސިޔާމްގެ ކުންފުނިން ނެގި ލޯނު ވަނީ ދައްކާފައި: ފިނޭންސް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާިއރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) : ފޮޓޯ / މަޖިލިސް

މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭނާގެ ކުންފުންޏަށް 127 މިލިއަން ޑޮލަރުގެ ލޯނު އެ ކުންފުނިން ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެޗްއެސް) ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، މިއަހަރުގެ ޖެނުއަރީ ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި އަންގާފައިވާ ކަމަށެވެ.

ނަމަވެސް، މިދިއަ މަހުގެ 21 ވަނަ ދުވަހު ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާ ފައި ނުވާތީ، ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، މިފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދުނު އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

އެ ލޯނު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު އެކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ ސުވާލު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ހުށަހަޅުއްވާފައެވެ. އަދި ސުވާލު ކުރުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރަށް އިއްޔެ މަޖިލީހުގެ އިދާރާއިން ވަނީ ނޯޓިސް ވެސް ފޮނުވާފައެވެ.

އެ ލޯނު ނަގާފައި ވަނީ ސިޔާމްގެ އިރުފުށި އައިލެންޑް ރިސޯޓް ތަރައްގީ ކުރުމަށެވެ. އިރުފުށި ހިންގަން ސަން ސިޔާމް ކުންފުނިން ހިލްޓަން ގްރޫޕާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ.

ސިޔާމަކީ ކުރީގެ ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެކެވެ. ރައީސް ޔާމީން 2013ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރެއްވިއިރު އޭރު ޕީޕީއެމްއާ އެކުގައި ސިޔާމްގެ އެމްޑީއޭ އިން ވަނީ ކޯލިޝަން ހަދާފައެވެ. މަޖިލިސް އިންތިހާބުގައި އެމްޑީއޭ އިން ނިކުތީ އޭރު އޮތް ކޯލިޝަން އެއްބަސްވުމާއި އެކުގައެވެ.

އެހެންނަމަވެސް ރިޔާސީ އިންތިހާބުގައި ސިޔާމް އުޅުއްވީ ސިޔާސީ ކަންކަމުގައި ވަރަށް ދުރުންނެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މީގެކުރިން ރައީސް ޔާމީނާއި އެކުގައި ރަށްތަކަށްވެސް ވަޑައިގަންނަވާ ސިޔާމް ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގެ އެއްވެސް ދަތުރެއްގައި ވަޑައި ނުގެންނެވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *