ބިދޭސީންގެ ހައްގުތައް ގެއްލޭ ގޮތަށް ސަރުކާރުން މަސައްކަތެއް ނުކުރާނެ: ފައްޔާޒު

ހުޅުމާލޭގައި މީގެކުރިން މުޒާހަރާކުރި ބިދޭސީންތަކެއް ---

ބިދޭސީންގެ ހައްގުތައް ގެއްލޭ ގޮތަށް ސަރުކާރުން މަސައްކަތެއް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިދޭސީންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން އަމަލު ނުކުރި ނަމަވެސް އިހުތިޖާޖުގެ ނަމުގައި މާރާމާރީ ހިންގާ ތަކެއްޗެއް ގެއްލުން ދިނުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބިދޭސީންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ވެސް ރާއްޖެއިން ޑީޕޯޓު ނުކޮށްލާނެ ކަމަށެވެ. އަދި އެކަން އެގޮތަށް މިހާތަނަށް ކޮށްފައިވެސް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިހުތިޖާޖަކާއި ގުޅިގެން ދާދިފަހުން އިމިްގރޭޝަނުން ބިދޭސީންތަކެއް ޑީޕޯޓު ކޮށްލާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެކަން ވެސް ކޮށްފައި ވަނީ އިމިގްރޭޝަންގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"ނަމަވެސް އެއީ އިޙުތިޖާޖުކޮށްގެންނޭ ކިޔާފައި ފޮނުވާލި ބައެއް ނޫން. އިޙްތިޖާޖްގެ ނަމުގައި މާރާމާރި ހިންގައި، ތަކެއްޗަށް ގެއްލުންދޭނަމަ އިމިގްރޭޝަން ޤާނޫނުގެދަށުން ޑީޕޯޓްކުރާނެ." ފައްޔާޒު ވިދާޅުވިއެވެ.

މުސާރަ ނުދީގެން އިހުތިޖާޖު ކުރާ ބިދޭސީންގެ ހައްގުތައް ހޯދައި ދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *