މަރުވިތާ ތިން ދުވަސް ފަހުން ޔާސިރު ވަޅުލައިފި

ޔާސިރު ޔަހުޔާ ވަޅުލާފައި: ފޮޓޯ / އާއިލާ

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް މަރުވިތާ ތިން ދުވަސް ފަހުން ވަޅުލައިފިއެވެ.

ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅުނު ޔަމަނުގެ ޔާސިރު ޔަހްޔާ ބަންދުކޮށްގެން ގެންގުޅުނުތާ އެތައް ދުވަހެއްވީ ފަހުން އޭނާގެ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހުއެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށް، ހާލު ދެރަވެގެން އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޑްމިޓްކުރި ޔާސިރު މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ޔާސިރުގެ އާއިލާއިން މިއަދު ބުނީ ޔާސިރުގެ ހަށިގަނޑު ވަޅުލާފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު ކަމަށެވެ. ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާއިލާގެ ފަރާތުންނެވެ.

ޔާސިރުގެ މަރާ ގުޅިގެން ކަރެކްޝަނާއި އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ ޔާސިރަކީ ރަރިސްޓު ޖަމާއަތެއް ކަމަށްވާ އަލްގައިދާއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ އަކީ ޓެރަރިޒަމާ ގުޅުން އޮވެގެން ގައުމުތަކުން މީގެކުރިން ހައްޔަރުވެސް ކޮށްފައިވާ މީހެއް ކަމަށެވެ.

ނަމަވެސް އާއިލާގެ ފަރާތުން އެކަން ވަނީ ދޮގުކޮށްފައެވެ. އާއިލާ އިން ބުނީ ޔާސިރަކީ އެފަދަ މީހެއް ނަމަ މިވީހާ ދުވަހު އޭނާ އަށް ދައުވާ ނުކޮށް ހުކުމެއް ނުކޮށް ހުރުމުން ސަރުކާރުން ދައްކާ ވާހަކައިގެ އެއްވެސް ބުރަދަނެއް ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *