ފެނާ ނަރުދަމާގެ ބިލު ރައީސް ތަސްދީދު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު --

ފެނާއި ނަރުދަމާގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުން މި ބިލު ފާސްކޮށްފައި ވަނި މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ. ބިލު ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ.

އެ ބިލުގެ މަގްސަދަތަކުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނޭ ކަމަށެވެ އެގޮތުން ސިއްއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުމާއި. ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ޙިމާޔަތްކުރުމާއި، ތަރައްޤީކުރުމާއި، އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޛުކުރުން ހިމެނެއެވެ.

އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރު ކުރުމާއި، ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާޢީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިދެވޭކަން ކަށަވަރު ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާގެ ހިދުމަތާއި، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްގުތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމާއި، ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުންވެސް އެ ބިލުގައި ހިމަނާފައި ވެއެވެ.

އަދި ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުން ވެސް އެ ބިލުގައި ހިމަނާފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *