ޝީރީންގެ މަރު: 10އަހަރު ފަހުން ލޯބިވެރިޔާ ނަޖާހު 12އަހަރަށް ޖަަލަށް

ޝީރީން އަދި އޭނާގެ ލޯބިވެރިޔާ ނަޖާހު --

މީގެ 10 އަހަރު ކުރިން، ޑިސެމްބަރު 2009 ގައި މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯސަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޝީރީން މަރުވެ ކުނިވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ނަޖާހު ޖަލަށް ލާން ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

މި މައްސަލާގައި މީގެކުރިންވެސް ތަފާތު ގޮތްކަކަށް ވާހަކަ ދެކެވުނެވެ. ހާއްސަކޮށް ޝީރީންގެ މަރަށްފަހު ޕޯސްޓުމޯޓަމް އެއް ހަދާފައި ނުވުމާއި އަދި ޝީރީން މަރުވާން ދިމާވި އަސްލު ސަބަބުވެސް ހޯދޭނީ އެކަން އެގޮތަށް ކޮށްގެން ކަމަށް ޑޮކްޓަރުންވެސް ލަފާދީފައިވެއެވެ.

ހައި ކޯޓުން ވެސް މިއަދު ނިިންމީ ޝީރީން މަރުވަން މެދުވެރިވި ސަބަބު ހޯދިފައި ނެތުމުން އެއީ ގަސްދު މަރެއް ކަމަށް ނިންމެން ނެތް ކަމަށެވެ.

ކުށުގެ ތައުޒީރީ އުގޫބާތެއްގެ ގޮތުން، ޝީރީންގެ ކުރީގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މަރިޔަމް ޝީރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މައާފު ނުކުރާހާ ހިނދަކު، މަރިޔަމް ޝީރީންގެ މަރުގެ ދިޔައަކީ ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބިގަތުމަށް، މަރިޔަމް ޝީރީންގެ ވާރިސުންނަށް ދަށުކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮތްކަން އަންގާ، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ 02 މަސްދުވަހު ރޯދަ ހިފުމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ގާނޫނުލް އުގޫބާތުގައި ގަސްދަކާ ނުލައި މީހަކު މެރުމުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުން ކަމަށް ވިޔަސް، ނަޖާހުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އެ އަމަލު ހިންގި ގޮތާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް އަދަބުގެ ދަރަޖަ ހަތަރު ގުނަ މަތިކުރުމަށް ފަހުއެވެ.

Leave a Reply

Your email address will not be published.