ކޯލިޝަން މެދުގައި ގުރުލައިގެން ނަމަވެސް ޓޫރިޒަމަށް ވަޒީރަކު ހަމަޖައްސަން ސައީދު ގޮވާލައިފި

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ސަރުކާރު ކޯލިޝަން ޕާޓްނަރުންގެ މެދުގައި ގުރުއަތު ލައިގެން ނަމަވެސް ހުސްވެފައިވާ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިގްތިސޯދީ ވަޒީރުކަން ކުރައްވާފައިވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލިއިރު އަސާސީ ގިނަ އިންތިޒާމުތައް ހަމަޖެހިފައި ނުވާ ކަމަށެވެ. ކޯލިޝަން ތެރޭގައި ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް ގޮވާލައްވާ ސައީދު ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯހުން ގޯހަށްދާ ކަމަށެވެ.

"ކޯލިޝަންތެރޭގައި ގުރުއަތު ލައިގެން ނަމަވެސް ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރައްވާ! ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް،" ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ ހޯމަ ދުވަހު ބުނީ މިދިޔަ މަހުގެ 31 ގެ ނިޔަލަށް ރާއްޖެ އަށް 1769 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެއް ގައުމަކުން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުން ކަމަށެވެ. އެގޮތުން އެގައުމުގެ 258 ފަތުރުވެރިން ވަނީ މިހާތަނަށް ރާއްޖެ އައިސްފައެވެ.

ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އެމެރިކާ އިން ކަމަށްވާއިރު އެގައުމުން ވަނީ 189 ފަތުރުވެރިއަކު އައިސްފައެވެ. 143 ފަތުރުވެރިންނާއެކު ލިސްޓުގެ ތިންވަނައިގައި ޔޫއޭއީ އޮތްއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ސްވިޒަލޭންޑުންނާއި ޖަރުމަނުންނެވެ.

އެގޮތުން ސްވިޒަލޭންޑުން 79 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުން ވަނީ 135 ފަތުރުވެރިއަކު ރާއްޖެ އައިސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *