މިއަދުވެސް 153 މީހަކު ޕޮޒިޓިވްވެއްޖެ

މާލެ ތެރޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިން ކުރިޔަށް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ހަތާވީސް

ރާއްޖެއިން މިއަދުވެސް 153 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ މިއަދު 116 ދިވެހިންނާއި ބަންގްލަދޭޝް 22 މީހަކާއި އިންޑިއާ 11 މީހެއް ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. މީގެއިތުރުން އިންޑޮނޭޝިއާ މީހަކާއި މިސްރު މީހަކާއި ބްރިޓަން މީހަކާއި ކެންޔާ މީހެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 153 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 148 މީހެކެވެ. ދެން ތިބި މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގެ ފަސް ރަށަކުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއި އެކުގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 4،446އަށް އަރާފައެވެ.

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

މިކަމުގެ ސަބަބުން މިއަދު ސަރުކާރުން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ރޭގަނޑު 22:00 އިން ފަތިހު 5:00އާ ދެމެދު މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރުމަށް ނިންމާ އެކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެ ވަގުތުގައި ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ވެސް ނުލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *