ހުރިހާ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން ފަށައިފި

އިސްލާމީ މަރުކަރު-- ފޮޓޯ / މިހާރު

ރާއްޖެއިން ކޮވިޑް19 ގެ ނުރައްކާތެރިން އަދިވެސް ފިލައިގެން ނުދާތީ އެކަމުން ދިވެހި ގައުމާއު ރައްޔިތުން ސަލާމަތް ކުރައްވާތޯ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ކުރާ ކޮންމެ ފަރުޟު ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ރޭ މަގުރިބު ނަމާދުން ފެށިގެން ފަރުލު ހުރިހާ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ނާޒިލާ ކިޔުމަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންނަށް އަންގާފައިވާ ކަމަށެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ފަރުޟު ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.

ރާއްޖެއިން މިހާތަނަށް 4,293 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،590 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *