މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފި

ކާފިއުގެ ވަގުތުގައި ފުލުހުން ހުޅުމާލޭގައި: ފޮޓޯ / ހަތާވީސް

ރާއްޖޭގައި ހަލުވިކަމާއި އެކުގައި އަދިވެސް ކޮވިޑް19 ފެތުރެމުން އަންނާތީ މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރުމަށް ނިންމާފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު އާއިޝަތު ސާމިޔާ ވިދާޅުވީ ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށް މާލެ ސަރަހައްދުގައި [މާލެ، ހުޅުމާލެ އަދި ވިލިމާލެ] ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އެ ވަގުތުތަކުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން ވެސް މަނާ ވާނެ ކަމަށާއި ޓޭލް އަވޭ އަދި ޑެލިވަރީގެ ހިދުމަތް ވެސް ދިނުން މަނާ ވާނެ ކަމަށް ސާމިޔާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ ކާފިއު އަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރި ކުރާ ތަންތަން ވެސް ރޭގަނޑު 21:30 ގައި ވިޔަފާރިތައް ބަންދު ކުރަން ޖެހޭނެ ކަމަށެވެ. މީގެއިތުރުން އެއްވެސް އިރެއްގައި ފަސް މީހުންނަށް ވުރެ ގިނައިން ބޭރަށް ނިކުތުމަކީ މަނާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެނގޭ މިބަލި ފެތުރުން ދިމާވާ އެއް ކަމެއް އެއީ ކޮންޓެކްޓުވާލެއް ގިނަވުން ނުވަތަ ކޮންޓެކްޓު ބަބުލް އިތުރުވުން. އެހެންވީމަ ވަރަށް މުހިއްމު ކަމެއް އެމީހަކު ކޮންޓެކްޓުވާލެއް މަދުކުރުން،" ސާމިޔާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވި ގޮތުގައި މާލެއާ ހުޅުމާލެއާ ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅުގައި ދަތުރުކުރާ ފަރާތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 4,293 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،590 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *