ބަލީގެ ހާލަތު ގޯސްވާތީ އާ ފިޔަވަޅުތަކެއް މިއަދު އިއުލާން ކުރަނީ

ޕީޕީއީ ލައިގެން ތިބި ސިއްހީ ހިދުމަތްތެރިންތަކެއް: ފޮޓޯ / ހަތާވީސް

ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ އަދި ދުވަހެއް ދުވަހަކަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެކަން މިއަދު އިއުލާން ކުރަން ނިންމައިފިއެވެ.

އެގޮތުން މިއަދު 16:00ގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގާއި އެޗްޕީއޭގެ ފަރާތުން އިބްރާހިމް ނިޝާން ބައިވެރިވާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖެއިން މިހާތަނަށް 4,293 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،590 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *