މާލެ ސަރަހައްދުގެ ސްކޫލުތައް ކުރިޔަށް އޮތް ދެ ހަފްތާއަށް ބަންދުކޮށްފި

ހުރަވީ ސްކޫލު ކުދިންތަކެއް --

ކުރިއަށް އޮތް ދެ ހަފްތާ މާލޭގެ ސްކޫލުތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީދު ބަންދާއި މިޑްޓާމް ބަންދަށްފަހު ސްކޫލްތައް ހުޅުވުމަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާ އަށް މާލޭގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ދަރިވަރުން ސްކޫލަށް ހާޒިރުވާން ނުޖެހުނު ނަމަވެސް، އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްދާނެ ކަމަށެވެ. އަދި ދެ ހަފްތާއަށްފަހު ބަލިމަޑުކަން ފެތުރޭގޮތަށް ބަލައި، މި ނިންމުން މުރާޖަޢާ ކުރެވޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ސްކޫލަކީ ދަރިވަރުންގެ ނަފްސާނީ އަދި އިޖުތިމާއީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނަކަށްވާއިރު، ސްކޫލަށް ހާޒިރުވެ އުނގެނޭ އުނގެނުމުގެ ފައިދާއަކީ އެހެން އެއްވެސް ގޮތަކުން ލިބިގަނެވޭނެ އެއްޗެއް ނޫން ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެހެން ނަމަވެސް، އެ މިނިސްޓްރީއިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސިއްހަތަށް ކަމުގައިވާތީ، ކޮވިޑް19ގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު، ދަރިވަރުން އާއިލާއާއެކު ގޭގައި ތިބުމަކީ މިވަގުތަށް އެންމެ ރައްކާތެރިގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ

މީގެކުރިން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިން ފަހުން މިބަލި ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ފެތުރެމުންނެވެ. މީގެކުރިން ބިދޭސީން މި ބައްޔަށް ގިނައިން ޕޮޒިޓިވްވި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވާއިރު ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގިނައީ ދިވެހިންނެވެ.

އެކަމުގެ ސަބަބުން އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިއަދުން ފެށިގެން މި މަހުގެ 6ވަނަ ދުވަހަށް ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *