މަޖިލީހުގެ ޖަލްސާއަށް އަންނަ ހަފްތާއަށް ފަސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކުރިނަމަވެސް، ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި މަޖިލީހުގެ އިދާރާ ވެސް ހުުންނާނީ ހުޅުވިފައި ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނުކުންނާނީ ކޮމެޓީތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ މަދު އަދަދެއްގެ މުވައްޒަފުން ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވަނީ އަންގާފައެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ކޮވިޑް19އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކުރުމާ ގުޅިގެން އޮންލައިންކޮށް ބޭއްވި މަޖިލީހުގެ ޖަލްސާތަކަށްފަހު، މަޖިލިސް ކުރާ ގޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ގެންދާތާ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ކޮވިޑް19އާ ގުޅިގެން މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީ ވެސް ނުނަގައި މެމްބަރުން ވަނީ ދެ ވަނަ ދައުރުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންގޮސްފައެވެ. އަދި މަޖިލީހުގެ ދެ ވަނަ ދައުރު މި މަހުގެ ނިޔަލަށް ނިމުމާއެކު، އެއް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *