ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައީ 1769 ފަތުރުވެރިން

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބަނީ: ފޮޓޯ / އެމްއޭސީއެލް

ކޮވިޑް19 ގެ ސަބަބުން ބޯޑަރު ބަންދުކުރުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވުމުން މިހާތަނަށް 1769 ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ މިދިޔަ މަހުގެ 31 ގެ ނިޔަލަށް ރާއްޖެ އަށް 1769 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެއް ގައުމަކުން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުން ކަމަށެވެ. އެގޮތުން އެގައުމުގެ 258 ފަތުރުވެރިން ވަނީ މިހާތަނަށް ރާއްޖެ އައިސްފައެވެ.

ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އެމެރިކާ އިން ކަމަށްވާއިރު އެގައުމުން ވަނީ 189 ފަތުރުވެރިއަކު އައިސްފައެވެ. 143 ފަތުރުވެރިންނާއެކު ލިސްޓުގެ ތިންވަނައިގައި ޔޫއޭއީ އޮތްއިރު، ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ސްވިޒަލޭންޑުންނާއި ޖަރުމަނުންނެވެ.

އެގޮތުން ސްވިޒަލޭންޑުން 79 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުން ވަނީ 135 ފަތުރުވެރިއަކު ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގައި މިިދިޔަ މަހާއި ހަމައަށް 150 އަށް ވުރެ ގިނަ ރިސޯޓު ހިންގާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ބޯޑަރު ހުޅުވާލި ފަހުން އޮޕަރޭޝަން ފަށާ ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަނީ 61 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ބ. އަތޮޅު އަމިއްލަ ފުއްޓާއި، މާލެ އަތޮޅުން މާގިރި ހޮޓެލް އަދި ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.

މީގެއިތުރުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 22 ސަފާރީއަކަށް ވެސް ވަނީ ހުއްދަ ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *