މެންބަރުންނާއި ރައީސް ބައްދަލުކުރާއިރު އާދަމް ޝަރީފަށް އެނގޭކަށް ނުޖެހޭ: ހަސަންޓޭ

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) --

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާއިރު ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފަށް އެނގެން ނުޖެހޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

މެންބަރު ހަސަންޓޭ މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެ އާދަމް ޝަރީފް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ވެއްޓުނަނުދީ، ނަގަހައްޓައި ދިނުމުގައި ރައްޔިތުން މަޖިލީހުގެ މަޖިލީހުގެ ސަރުކާރު ހިންގާ މައިޕާޓީގެ މެންބަރުންގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށެވެ.

“ވެރިމީހާއާ [ރައީސުލްޖުމްހޫރިއްޔާ] މަޖިލިސް މެންބަރުންނާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވޭ ނަމަ ދެން ބައްދަލުކޮށް މަޝްވަރާ ކުރެވޭނީ ކޮން ބަޔަކާ،” ސުވާލު އުފައްދަވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފަށް ރައްދު ދެއްވާ ހަސަންޓޭ ކުރެއްވި ޓްވީޓެއްގައި ވަނީ މަހުޝަރު އޮތްކަން ވެސް ހަނދުމަ ނެތުނީތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާއިރު އާދަމް ޝަރީފަށް އެނގެން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

މެންބަރު ހަސަންޓޭގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ވަނީ އާދަމް ޝަރީފަށް ރައްދު ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ރައީސްއާ ބައްދަލު ކުރެވޭ ކަމަށާއި ފޯނުންވެސް މަޝްވަރާ ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މިސަރުކާރު މަގުމަތިން ވައްޓާ ނުލެވޭނެ ކަމަށާއި އެކަން ކުރުމަށް ނުވިސްނުމަށް އެދިފައެވެ.

އިއްޔެ އާދަމް ޝަރީފް ކުރެއްވި އެ ޓްވީޓަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވެސް ވަނީ ރައްދު ދެއްވާފައެވެ.  ރައްޔިތުން މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލު ކުރައްވާ އަލީ އާޒިމް ވިދާޅުވީ އެމްޑީޕީ މެންބަރުންނާއި “ވެރިމީހާއާ” ބައްދަލުވާ ކަމަށެވެ. އަދި ސަރުކާރު ހިންގާ މައިޕާޓީގެ މަޖިލިސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުނުވެ އޮތީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ސަރުކާރު ދަމަހައްޓާނީ ވެސް ނުވަތަ ވެރިކަން ބަދަލު ކުރާނީވެސް ރައްޔިތުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *