ގާނޫނާއި ހިލާފުވާ ޕާޓީތަކަށް މިހާރުވެސް ފިޔަވަޅު އަޅާނަން: އިލެކްޝަން

ސިޔާސީ ޕާޓީތަކާއި އެކުގައި އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ގާނޫނުތަކާއި ހިލާފުވާ ޕާޓީތަކަށް މިހާރުވެސް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޒާހަރާ ކުރަމުން އަންނައިރުވެސް އިލެކްޝަންސް ކޮމިޝަނުން ހަނު ހުންނަނީ ކަމަށް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި އިކޮނޮމިކް މިނިސްޓްރީ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަންވަރު (ސިމްވާ) ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދެއިރު ދެދަޅައަށް އެމްޑީޕީ ޖޫރިމަނާ ކުރެވޭ ކަމަށް ބުނެ އިލެކްޝަނަށް ފާޑު ކިޔާފައެވެ.

އެކަމާއި ގުޅިގެން އިލެކްޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އޭރުވެސް އަދި މިހާރުވެސް ސިޔާސީ ހަރަކާތް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާ ޕާޓީތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިލެކްޝަންސްގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވެސް ދާދިފަހުން ވަނީ ސިޔާސީ ހަރަކާތް ހިންގަންވާނީ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ކޮވިޑް19 ގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲ ގެ އިރާދަފުޅާ އެކު މި ހާލަތު ބަދަލު ކުރަން އެންމެން އެކުގައި ތެދުވަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ކުރިއަށް ގެންދާ އިރު ވެސް ގާނޫނާއި ގަވައިދަށް ބޯލަނބައި ގާނޫނުގެ ތެރެއިން އެކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *