އިހަވަންދޫ "242" ބޯޓުގެ އިތުރު ފަޅުވެރިއެއް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫ ---

ހއ. އިހަވަންދޫ 242 ބޯޓުގެ އިތުރު ފަޅުވެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެކުރިންވެސް 242 ބޯޓުގެ ފަޅުވެރިއެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެފަހުން "ތަހުތު" ނަމަކަށް ކިޔާ ބޯޓެއްގެ ފަޅުވެރިއެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއާއިއެކު އިހަވަންދޫ އިން މިވަނީ ޖުމްލަ ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އިހަވަންދޫއާ އެކުގައި މުޅި ރާއްޖެއިން 10 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ލާފައެވެ. އެ ރަށްތަށް މޮނީޓަރިންގެ ހާލަތަށް ލާފައި ވަނީ އެ ރަށްތަކުގައި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ތިބުމުންނެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. ލޮކްޑައުން އަށް ލުއިތައް ދިން ފަހުން މާލެ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 4,164 އަށް އަރައިފައެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 2،643 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 30 މީހުން ހިމެނެއެވެ. މި ބަލީގައި މިހާތަށް 18 މީހަކު ވަނީ ރާއްޖެއިން މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *