ކެފޭތަކުގައި ހިދުމަތް ހޯދާ ފަރާތްތައް މާސްކު އަޅަން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

މަލޭގެ ކެފޭއެއް/ ފޮޓޯ- ކެފޭ އަލް ފްރެސްކޯ

ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ތަންތަނުން ހިދުމަތް ހޯދަން ދާ ފަރާތްތައް މާސްކު އަޅަން ނުޖެހޭ ގޮތަށް އުސޫލު އިސްލާހު ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި މަހުގެ އެއްވަނަ ދުވަހު އާއްމު ތަންތަނުގައި މާސްކު އަޅާ އަނގައާއި ނޭފަތާއި ދަތްދޮޅި ނިވާ ކުރަން ޖެހޭނެ ކަމަށް ބުނެ އެކަން މަޖުބޫރު ކޮށްފައެވެ. މީގެއިތުރުން އެގޮތަށް އަމަލު ނުކުރާ ފަރާތްތައް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ

ރޭ އެޗްޕީއޭ އިން ނެރެފައިވާ އެންގުމެއްގައި ބުނީ ކުރިން ދެންނެވި ފަރާތްތަކުގެ އިތުރުން މާލެ ސަރަހައްދުގައި އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހިދުމަތް ހޯދާ މީހުން މާސްކް އެޅުމުން އިސްތިސްނާ ވާނެ ކަމަށެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. ލޮކްޑައުން އަށް ލުއިތައް ދިން ފަހުން މާލެ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *