ޔާސިރު ނިސްބަތްވަނީ އަލްގައިދާއަށް، ޓެރަރިޒަމާ ގުޅުން އޮވެގެން ގައުމުތަކުން ހައްޔަރު ވެސް ކުރި: އިމިގްރޭޝަން

ޔާސިރު ޔަހްޔާ --

ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކުރި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އަލްގައިދާއަށް ނިސްބަތްވާ މީހެއް ކަމަށާއި އޭނާ އަކީ ޓެރަރިޒަމާ ގުޅުން އޮވެގެން ގައުމުތަކުން މީގެކުރިން ހައްޔަރުވެސް ކޮށްފައިވާ މީހެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިފަދައިން ބުނެފައިވާއިރު ޔާސިރް ޔަހްޔާ މިއަދުގެ ވަގުތެއްގައި ވަނީ މަރުވެފައެވެ. އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޑްމިޓްކުރި ޔާސިރު މަރުވެފައިވަނީ މިއަދު ހަވީރު 4:25 ހާއިރުއެވެ.

އިމިގްރޭޝަނުގެ އިތުރުން ކަރެކްޝަނަލް ސާވިސްއާ ފުލުހުން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައިވާ އިތުބާރު ހުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޔާސިރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގަބޫލުކުރެވޭތީ، 2017ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުގައި ރާއްޖޭގައި އޭނާ ހުރުމަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށެވެ.

އަދި އެ ހުއްދަ ބާތިލް ކުރުމުގެ ކުރިން 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އޭނާ މޯލްޑިވްސް އިމިގްރޭޝަނަށް ހާޒިރުކޮށް އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އެ އެންގުމާ އެއްގޮތަށް އޭނާ އަމަލުކޮށްފައި ނުވާތީ އޭގެ ފަހުންވެސް ތިން ފަހަރެއްގެ މަތިން ރާއްޖެއިން ފުރައިގެން ދިއުމަށް ޔާސިރަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ. ތަކުރާރުކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމަށް ދެވުނު މުއްދަތުގެ ތެރޭގައި ފުރައިގެން ގޮސްފައިނުވާތީ، 2017ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުގައި ދިވެހިރާއްޖޭގައި ދިރިއުޅުމަށް ޔާސިރު ޔަހްޔާ އަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، އޭނާ ފުރުވާލެވެންދެން އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ބިދޭސީން ބައި ތިއްބާ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރެވުނު ކަމަށްވެސް ތިން އިދާރާއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އޭނާ ރާއްޖެ އެތެރެވެފައި ވަނީ ޓޫރިސްޓު ވިސާގައި ކަމަށްވާއިރު އޭނާ ރާއްޖެ އެތެރެވި އަހަރު ކަމަށްވާ 2014ވަނަ އަހަރު ދިވެއްސަކާއި ކައިވެނި ކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ. ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މުއްދަތުގައި އޭނާގެ ހަރަކާތްތައް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލާ މޮނިޓާ ކުރަމުން ގެންދެވިފައިވާ ކަމަށް ފުލުހުންނާއި ވެސް ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭ ގޮތުގައި ޔާސިރް އަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓު ތަމްރީނުތައް ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރެރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގުކޮށްފައިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވެއެވެ. ޔާސިރު ޔަހުޔާ އަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރެރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި އެކި ފަހަރުމަތިން ބަންދުކުރެވިފައިވާ މީހެކެވެ. އަދި އެކި ގައުމުތަކަށް ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރު ކޮށްފައިވާ މީހެކެވެ" ބަޔާނުގައި ބުނެފައިވެއެވެ.

މީގެކުރިންވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ދިއުމުން ކުރިންވެސް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ޔާސިރު ޔަހްޔާ އާއި ގުޅޭ ތަފްސީލީ މައުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހިއްސާކުރެވިފައިވާނެ ކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުގައި ޔާސިރު ޔަހުޔާ ބަންދުކުރެވިފައި ހުރި މުއްދަތުގައި އޭނާއާ މެދު އަމަލުކޮށްފައިވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު އޭނާގެ އިންސާނީ ހައްގުތަކަށް ރިއާޔަތްކޮށް އޭނާގެ ދިވެހި އާއިލާއާ ގުޅުން ބޭއްވުމަށާއި ކެއިންބުއިމާއި
ހުރުމުގައިވެސް ހާއްސަ އުސޫލެއްގެ ދަށުން ލުއިގޮތަކަށް ކަމަށް ބަޔާނުގައިވެއެވެ.

އަދި އެ މުއްދަތުގައި އޭނާ އާގުޅޭ މައުލޫމާތު ޔަމަނުގެ ސަރުކާރަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދީފައިވާނެ ކަމަށްވެސް އިމިގްރޭޝަނާއި ފުލުހުންނާއި ކަރެކްޝަން ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. ޔާސިރު ޔަހްޔާ ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަނު ސަރުކާރުން ހޯދުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް މަސައްކަތް ކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެ މަސައްކަތަށް ޔާސިރުގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެކަމުގައި ޔާސިރުގެ ފަރާތުން އެއްބާރުލުން ނުލިބުމުން "އިންވޮލަންޓަރިލީ" ޔާސިރު ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދިފައި ވާނެ ކަމަށާއި އޭނާ ރާއްޖެއިން ފުރުވާލުމަށް އެކިފަހަރު މަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައިނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ދީފައިނުވުމުގެ ސަބަބުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަހުމަދިއްޔާ ސްކޫލްގައި އަރަބި ކިޔަވައިދެމުން ދިޔަ ޔާސިރު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުރީ ޓެރަރިޒަމާ ގުޅުންހުރި ޖަމާއަތްތަކާއި ގުޅުން އޮންނަ މައުލޫމާތާއި، އޭނާގެ ބެކްގްރައުންޑަކީ މިފަދަ ކަންކަމާ ގުޅޭގޮތުން ޕާކިސްތާނާއި ޔަމަން އަދި އޮމާނުގައި ހައްޔަރުވެސް ކޮށްފައި ހުރި މީހެއް ކަމަށް ވާތީ، ދިވެހި މުޖުތުމައުގެ ސަލާމަތަށް ބަލާފައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ތުހުމަތުކުރާ އެއްވެސް މައްސަލައެއްގައި ދައުލަތުން ޔާސިރުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *